މުޙައްމަދު ސިމާދު
19 މާރޗް 2019
މަޤްބޫލު ޙަބަރު

ކެންޔާގެ މައި ހަތަރު އެއާޕޯޓެއްގައި މަސައްކަތްކުރާ މުވައްޒަފުން އިހުތިޖާޖަށް ނުކުތުމުން، ފްލައިޓްތަކަށް ބުރޫ އަރާ އެތައް ހާސް ފަސިންޖަރުންނެއް ނުފުރި އެއާޕޯޓްތަކުގައި ތާށިވެއްޖެއެވެ.

ކެންޔާގެ އެއާޕޯޓް މުވައްޒަފުން އިހުތިޖާޖަށް ނުކުތީ، އެގައުމުގެ އެއާޕޯޓް އޮތޯރިޓީ އާއި ގައުމީ އެއާލައިން އެއްކޮށްލަން ސަރުކާރުން ގެންގުޅޭ ޕްލޭންއާމެދު ހިތްހަމަނުޖެހިގެންނެވެ.

އެގޮތުން އެއާޕޯޓުގެ ފަޔަރު އިންޖީނުތައް ރަންވޭއިން ފޮނުވާލައި ސެކިއުރިޓީ އާއި ޗެކްއިން އަދި ބެގޭޖް ހޭޑްލިން ސްޓާފުން ވެސް ވަނީ މަސައްކަތް ހުއްޓާލައިފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ކެންޔާގައި އޮންނަ އިރުމަތީ އެފްރިކާގެ އެންމެބޮޑު އެއާޕޯޓް، ޖޮމީ ކެންޔައްޓާ އެއާޕޯޓުން ގާތްގަނޑަކަށް 60 ފްލައިޓް ޓޭކް އޮފް ނުކުރެވި އޮންނަން ޖެހުނެވެ. އަދި ބައެއް ފްލައިޓްތަކުން ފަސިންޖަރުންނާ ނުލާ ވެސް ފުރާފައިވެއެވެ.

އޭގެ އިތުރުން މޮމްބާސާ، އެލްޑޮރެޓް އަދި ކިސޫމޫގައި ހުންނަ އެއާޕޯޓްތަކުގެ ފްލައިޓްތަކަށް ވެސް ވަނީ ބުރު އަރާފައެވެ.

އެކަމާ ގުޅިގެން ކެންޔާ ސަރުކާރުން ބުނީ، އެ އިހުތިޖާޖަކީ ގާނޫނުތަކާ ހިލާފު އިހުތިޖާޖެއް ކަމަށާއި މުވައްޒަފުންނާ ގުޅިގެން ދިމާވެފައިވާ މައްސަލަ ހައްލުކުރަން އިތުރު މުވައްޒަފުން ގެންނާނެ ކަމަށެވެ.

ކެންޔާގެ މީޑިއާތަކުން ބުނާގޮތުގައި، ކެންޔާގެ މައި އެއާޕޯޓުގައި އިހުތިޖާޖު ކުރަމުންދިޔަ މުވައްޒަފުން ހުއްޓުވުމަށް ފުލުހުން ވަނީ ކަރުނަ ގޭސް ވެސް ބޭނުންކޮށްފައެވެ.

އަދި އެ އިހުތިޖާޖް ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވި ކެންޔާ އޭވިއޭޝަން ވޯކާސް ޔޫނިއަންގެ ސެކްރެޓަރީ ޖެނެރަލް މޮސް ޑިއެމާ ވަނީ ހައްޔަރުކޮށްފައެވެ.

މައުލޫމާތު: ބީބީސީ

haftha.mv 2004 ©