މުޙައްމަދު ސިމާދު
18 މާރޗް 2019
މަޤްބޫލު ޙަބަރު

ފެންވަރުވަން އުޅުމުގެ ތެރޭގައި އެތެއްގެ ދަށުވެ މީހަކު މަރުވެއްޖެއެވެ.

ރިޕޯޓްތައް ބުނާގޮތުން، އެ ހާދިސާ ހިނގީ ކެރެލާގެ ކޮއްތަޔަމްގައި މިދިޔަ އާދީއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

އެ ހާދިސާގެ މަންޒަރުތައް ފެންނަ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި މަރުވި އަރުން ނަމަކަށް ކިޔާ މީހާ ހުރީ އެތެއްގެ ވާތް ފަޅީގައި އޭތީގެ ގަޔަށް ހޮޅިއަކުން ފެން ޖަހައިގެން ފެން ވަރުވާށެވެ.

އަދި އޭތި ކައިރީގައި އޮށާންނަން ބުނުމުން ވާތް ފަޅިއަށް އަރިވާތަން ފެނެއެވެ. ނަމަވެސް އެ އެތް ކަނާތް ފަރާތަށް އަރިކުރަން އެތުގެ ބަޑުދަށުގައި ދަނޑިގަނޑު ޖައްސަން އުޅުމުގެ ތެރޭގައި އޭތީގެ ގައި ދަށުވާތަން ފެނެއެވެ.

ރިޕޯޓްތައް ބުނާގޮތުން، 42 އަހަރުގެ އެ މީހާ އެތުގެ ދަށުވީ އެވަގުތު ބިންމަތީގައި ފެން ހުރުމުން ކައްސާލައިގެން ދިއުމުންނެވެ. ހާދިސާގައި އެ މީހާ މަރުވީ އެތުގެ ގައި އޭނާގެ ބޯދަށު ވެގެންނެވެ.

އަދި އެ ހާދިސާ ހިނގިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އިތުރު މީހަކު އައިސް އެތުގެ ގައި ދަށުވެފައި އޮތް މީހާ ނެރެވޭތޯ ބަލައެވެ. ނަމަވެސް އެކަން ކާމިޔާބު ނުވުމުން އެތް ތެދުކުރަން އޭނާ އުޅެއެވެ.

އެކި ކަހަލަ މަސައްކަތްތަކުގައި އެތް ގެންގުޅޭ ކެރެލާގައި އެތެއްގެ ދަށު ވެގެން މީހުން މަރުުވުމަކީ އާ ކަމެއް ނޫނެވެ. ގިނަ ފަހަރު އެފަދަ ހާދިސާތައް ހިނގާފައިވަނީ، އެތާމެދު އޭގެ ވެރިމީހާ ގެންގުޅޭ ހަރުކަށި ގޮތްތަކުގެ ސަބަބުންނެވެ.

haftha.mv 2004 ©