މުޙައްމަދު ސިމާދު
19 މާރޗް 2019
މަޤްބޫލު ޙަބަރު

އިސްރާއީލުގެ ޔަހޫދީ ސިފައިން ދިން ހަމަލާއެއް ބޮލަށް އަމާޒުވެ، ފަލަސްތީން ޒުވާނަކު ޝަހީދުވެއްޖެއެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީގެ ތަރުޖަމާން އަޝްރަފް އަލް ގިދްރާ ވިދާޅުވީ، ޝަހީދު ކޮށްލާފައިވަނީ ތަމީރް އަރަފާތު ނަމަކަށް ކިޔާ 23 އަހަރުގެ ޒުވާނެއް ކަމަށެވެ.

އަދި އިއްޔެގެ މުޒާހަރާއަށް އިސްރާއީލުގެ ސިފައިން ދިން ހަމަލާތަކުގައި 48 މީހަކު ވަނީ ޒަހަމްވެފައެވެ. އޭގެ ތެރޭގައި ހަތަރު މެޑިކުންނާއި ދެ އަންހެނުން އަދި 15 ކުޑަކުދިން ހިމެނެއެވެ.

ޣައްޒާގެ ދެކުނުގައިވާ އިސްރާއީލާއި ފަލަސްތީނު ގުޅޭ ބޯޑަރު ކައިރީގައި ”ގްރޭޓް މާޗް އޮފް ރިޓާންސް“ ގެ ނަމުގައި ކުރިޔަށް ގެންދާ ސިލްސިލާ މުޒާހަރާތަށް ފެށިތާ އަހަރަކާ ގާތްވެފައިވާއިރު، އިއްޔެ އެއީ އެ މުޒާހަރާތައް ބޭއްވި 50 ވަނަ ހަފްތާއެވެ.

އެގޮތުން ކޮންމެ ހަފްތާއެއްގެ ހުކުރު ދުވަހު ފަލަސްތީނު ރައްޔިތުން ކުރިއަށް ގެންދާ މުޒާހަރާތަކަށް ވެސް އިސްރާއީލުގެ ޔަހޫދީ ސިފައިން ގެންދަނީ ހުރަސްއަޅާއި ބާރުގެ ބޭނުން ކުރަމުންނެވެ.

ޣައްޒާ ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާ މިދިޔަ އަހަރުގެ މާޗް 30 ވަނަ ދުވަހުން ފެށިގެން ފަލަސްތީނުގެ ރައްޔިތުން ކޮންމެ ހަފްތާއަކު މެދުނުކެނޑި މުޒާހަރާ ކުރަމުންދާއިރު، އިސްރާއީލު ސިފައިން ވަނީ އެމީހުންގެ ރައްކަލަކަށް ކަމަށް ބުނެ މިހާތަނަށް 267 ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުކޮށްލައިފައެވެ.

އޭގެ ތެރެއިން މުޒާހަރާގެ ތެރެއިން 190 މީހަކު ޝަހީދުކޮށްލިއިރު 40 ކުޑަކުދިން ވެސް ހިމެނެއެވެ. ދެން ހިމެނެނީ 2 އަންހެނުންނާއި 2 ނޫސްވެރިންގެ އިތުރުން ތިން ޕެރަމެޑިކްސް އަދި އަށް ނުކުޅެދޭ މީހުންނެވެ.

އަލް މެޒާން ސެންޓަރ ފޮ ހިއުމަން ރައިޓްސް އިން ބުނާގޮތުގައި، މުޒާހަރާތަކުގައި މިހާތަނަށް 14673 މީހަކު ވަނީ ޒަހަމްވެފައެވެ. އޭގެ ތެރެއިން 3128 އަކީ ކުޑަކުދިންނެވެ.

ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުގެ ސިފައިން ހުއްޓުމެއްނެތި ހަރުކަށި އުކުޅުތައް ގެންގުޅެމުންދާއިރު، މިދިޔަ މަހުގެ ތެރޭގައި އދ. އިން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ، ފަލަސްތީނުގެ ރައްޔިތުން ކުރަމުންދާ މުޒާހަރާތަކާ ދެކޮޅަށް އިސްރާއީލުން އިންސާނިއްޔަތާ ހިލާފު ކުށްތައް ކުރަމުންދާ ކަމަށް ތުހުމަތު ކޮށްފައެވެ.

haftha.mv 2004 ©