މުޙައްމަދު އީމާން
24 March 2019
މަޤްބޫލު ޙަބަރު

ނިއުޒިލެންޑުގެ ކްރައިސްޗާޗްގައި ހުންނަ ދެ މިސްކިތެއްގައި ނަމާދު ކުރަނިކޮށް މީހަކު ދިން ރުހުމުކުޑަ ބަޑީގައި ހަމަލާގައި މަރުވި މީހުންގެ މައްޗަށް، މަސްޖިދުލް ހަރަމް އާއި މަސްޖިދުލް ނަބަވީގައި ޣައިބުގައި ކަށުނަމާދު ކޮށްފިއެވެ.

މިމަހުގެ 15 ވަނަ ދުވަހުވީ ހުކުރު ދުވަހު، ހުކުރު ނަމާދު ގަޑީގައި ދިން ބަޑީގެ ހަމަލާގައި 50 މީހުން ވަނީ މަރާލައިފައެވެ. އެ އެންމެންގެ މައްޗަށް މައްކާ އަދި މަދީނާގައި ހުންނަ މުސްލިމުންގެ އެންމެ މުގައްދަސް ދެ މިސްކިތުގައި ޣައިބަށް ކަށުނަމާދު ކުރީ މިދިޔަ ހުކުރު ނަމާދަށްފަހުއެވެ.

އެގޮތުން މައްކާގައި ހުންނަ މަސްޖިދުލް ހަރަމްގައި އިމާމުވެ ކަށުނަމާދު ކޮށްދެއްވީ އެ މިސްކިތުގެ އިމާމު ޝައިހު މާހިރު އަލް މުޢުޤުލީއެވެ. މަސްޖިދުލްނަބަވީގައި އިމާމުވެ ކަށުނަމާދު ކުރެއްވީ އެ މިސްކިތުގެ އިމާމު ޝައިހު އަބްދުﷲ އަލް ބަޢިޖާންއެވެ.

ކަށުނަމާދުގައި ދެ އިމާމުން ވެސް ވަނީ އެ ހަމަލާގައި މަރުވި މީހުންގެ ފުރާނަތަކުގެ ފާފަ ފުއްސަވައިދެއްވުމަށާއި އެމީހުންނަކީ ޝަހީދުންގެ ގޮތުގައި ލެއްވުމަށް އެދި މާތްﷲގެ ހަޒްރަތުން ދުއާ ދަންނަވައިފައެވެ.

އަދި މަރުވެދިޔަ މީހުންގެ އާއިލާތަކަށާއި ގާތްތިމާގެ މީހުންނަށް ތައުތިޔާ އާއި ކެތްތެރިކަން ދެއްވާ ހަމަލާގައި ޒަހަމްވި މީހުންނަށް އަވަސް ޝިފާއެއް ދެއްވުމަށް އެދި ދުއާ ދަންނަވާފައިވެއެވެ.

ޖެނެރަލް ޕްރެޒިޑެންޓް ފޮ ދި އެފެއާޒް އޮފް ދަ ޓޫ ހޯލީ މޮސްކްސް ޝައިހު އަބްދުއްރަޙުމާން އަލް ސުދައިސް ވިދާޅުވީ، މިކަމުން ހާމަކޮށްދެނީ މުސްލިމުންނަށް ކުރިމަތިވެފައިވާ މައްސަލަތަކާއި މެދު ސައުދީގެ ރަސްގެފާން ސަލްމާން އާއި ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން ކަންބޮޑުވެވަޑައިގަންނަވާ މިންވަރު ކަމަށެވެ.

އަދި ޓެރަރިޒަމް އާއި ހައްދުފަހަނަ އަޅާ ދިއުމަކީ ވަކި ދީނެއް ނުވަތަ ވަކި ގައުމެއް ނެތް ކަމެއް ކަމަށާއި އެކަމާ ދެކޮޅަށް ސައުދީން ގެންގުޅޭ ވަރުގަދަ ވިސްނުން ހާމަކޮށްދޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ކްރައިސްޗާޗްގައި ހަމަލާގައި މަރުވި މީހުންގެ މައްޗަށް ދެ ހަރަމްގައި ޣައިބުގައި ކަށު ނަމާދު ކުއިއިރު، ނިއު ޒިލެންޑުގައި މިދިޔަ ހުކުރު ދުވަހު ބޮޑު ޖަމާއަތުގައި ވަނީ ހުކުރު ނަމާދު ކޮށްފައެވެ. އަދި އެ ހަމަލާގައި މަރުވެދިޔަ މީހުންގެ ހަނދާނުގައި މުޅި ގައުމުގައި ދެ މިނެޓުގެ ސުކޫތެއް ގެނައުމަށްފަހު ބަންގީގެ އަޑު ވަނީ ގުގުމާލައިފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©