މުޙައްމަދު އިބްރާހިމް
25 March 2019
މަޤްބޫލު ޙަބަރު

ދުބާއީ، ޔުނައިޓެޑް އެރެބް އެމިރޭޓްސް – ލިބޭ އާމްދަނީގެ ބޮޑުބައެއް ނިކަމެތިންނަށް ހަދިޔާކޮށް، އަދި ހަފްތާ ބަންދުގައި ކުދިންނަށް ކިޔަވައިދެމުންދިޔަ ކެންޔާގެ ހިސާބު އަދި ސައިންސް ޓީޗަރަކަށް އެއް މިލިއަން އެމެރިކާ ޑޮލަރުގެ ފައިސާގެ އިނާމެއް ލިބިއްޖެއެވެ.

ކެންޔާގެ ރަށްފުށު ސަރަހައްދެއްގައި އުޅޭ ޕީޓާ ޓަބީޗީއަށް އެ އިނާމު ލިބުނީ، ތައުލީމު އުގަންނައިދޭން ހާއްސަ މަސައްކަތްތަކެއް ކުރާ އެއް ފަރާތަަކަށް ދޭ ގްލޯބަލް ޓީޝާ ޕްރައިޒް ލިބިގެންނެވެ.

އުމުރުން 36 އަހަރުގެ ޓަބީޗީ ކިޔަވައިދޭ ކެންޔާގެ ރަށްފުށު އަވަށަކީ ފެނަށް ޖެހުމާއި ބަނޑުހައި ހޫނުކަން ގިނަ ފަހަރު ތަހައްމަލު ކުރަންޖެހޭ އަވަށެކެވެ. އެ އަވަށުގައި ސްކޫލަށްދާ އާބާދީގެ 95 ޕަސެންޓަކީ ނުވަތަ ކޮންމެ ތިން ކުއްޖަކުން އެއް ކުއްޖަކީ ޔަތީމެއް ނުވަތަ މިސްކީނެކެވެ.

އަދި ސްކޫލަށް ދިއުމަށް ބައެއް ދަރިވަރުން ހަތް ކިލޯމީޓަރު ހިނގާފައި ދާންޖެހޭއިރު، ވިއްސާރަ މޫސުމުގައި މަގުތައް ކިސަޑުވެ ހިނގާބިނގާވެ އުޅުމަށް އޮންނަނީ ދަތިވެފައެވެ.

އެގޮތުން ޓީޗަރެއްގެ މުސާރައިގެ ގޮތުގައި ޓަބީޗީއަށް ލިބޭ އާމްދަނީގެ 80 ޕަސެންޓް އޭނާ ހަދިޔާކުރަނީ ނިކަމެތިންނަށެވެ.

އޭގެ އިތުރުން އޭނާ ކިޔަވައިދޭ ކެރިކޯ މިކްސްޑް ޑޭ ސެކަންޑަރީ ސްކޫލުގައި ކޮންމެ 58 ކުއްޖަކަށް އެ ޓީޗަރަކު ހުންނައިރު ބޭނުންކުރަނީ ރަނގަޅު އިންޓަނެޓެއް ނެތް އެންމެ ކޮމްޕިއުޓަރެކެވެ. އަދި ކުލާސްރޫމްތަކުގައި އެކަށީގެންވާ ވަސީލަތްތަކެއް ނުހުރެއެވެ.

ދުބާއީގައި ބޭއްވި ރަސްމިއްޔާތެއްގައި އިނާމާ ހަވާލުވުމަށްފަހު ޓަބީޗީ ބުނީ، އުމުރުން އެންމެ 11 އަހަރުގައި އޭނާގެ މަންމަ ނިޔާވެފައިވާކަމަށެވެ. އަދި އޭނާ އާއި އެހެން ދަރިން ބަލާބޮޑު ކުރީ ޕްރައިމަރީ ސްކޫލް ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރަމުންދިޔަ އޭނާގެ ބައްޕަ ކަމަށެވެ.

ޓަބީޗީއަށް އެ އެވޯޑް ލިބުމުން ކެންޔާގެ ރައީސް އުހުރޫ ކެންޔައްޓޭ ވަނީ އޭނާއަށް މަރުހަބާ ކިޔާފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©