Mon, 25 May, 2020, 11:11 pm
އިސްރާއީލުން ޣާޒާއަށް ބޮން އަޅަން ފަށައިފި
62

އިސްރާއީލުގެ ޔަހޫދީ އަސްކަރިއްޔާއިން ޣާޒާގައި ހަރަކާތްތެރިވާ ހަމާސް ޖަމާއަތުގެ ޓާގެޓްތަކަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފިއެވެ.

ޣާޒާގެ އުތުރުގައި އުޅޭ އާންމުން މިއަދު ހަވީރު ސިއްސުވާލީ ބާރުގަދަ ގޮވުންތަކެއްގެ އަޑާއެކުއެވެ. ފަލަސްތީނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އިސްރާއީލުން ފޮނުވާލި ހަމަލާ އަމާޒުވީ ޣާޒާގެ ޚާން ޔޫނިސްގެ އިރުމަތީ ފަރާތުގައި އޮންނަ ދަނޑުވެރިކަން ކުރާ ސަރަހައްދަކަށެވެ.

އޭގެ އިތުރުން ޣާޒާ ކޮންޓްރޯލް ކުރަމުންދާ ހަމާސް ޖަމާއަތަށް ނިސްބަތްވާ ހުސް އިމާރާތްތަކަކަށް ވެސް އިސްރާއީލުން ބޮމުގެ ހަމަލާތަކެއް ދީފައިވާއިރު، ހަބަރުތައް ބުނާގޮތުން، ޣާޒާގެ މީހުން ބައިބޯ ސަރަހައްދެއްގެ މެދުހުރި އިމާރާތަކަށް ބޮން އެޅުމުގެ ސަބަބުން އެ އިމާރާތް ވަނީ ބިމާ ހަމަވެފައެވެ.

އިސްރާއީލުން ޣާޒާއަށް ވަރުގަދަ ހަމަލާތަކެއް ދޭން މި ފެށީ، ޣާޒާއިން އިސްރާއީލަށް މިއަދު ފޮނުވާލި ކަމަށް ބުނާ ހަމަލައެއް މެދުތެރޭ އިސްރާއީލުގެ ގެއަކަށް އަމާޒުވެ ހަތް މީހުން ޒަހަމްވުމާ ގުޅިގެން އޭގެ ރައްދެއްގެ ގޮތުންނެވެ.

އިސްރާއީލުން ތުހުމަތު ކުރާ ގޮތުގައި އެ ހަމަލާ ދީފައިވަނީ ހަމާސް ޖަމާއަތުންނެވެ.

ހަމާސްގެ ޕޮލިޓިކަލް ޗީފް އިސްމާއިލް ހަނިއްޔާ ވަނީ، އިސްރާއީލުން ދޭ ހަމަލާތަކަށް އެކަތި ގަނޑަކަށް ވުމަށް ގޮވާލައިފައެވެ.

“ފަލަސްތީނުގެ އަމާޒަށް އެކި ފަހަރު މަތިން ވަނީ ހަމަލާދީފަ. ގުދުސް، ހުޅަނގު އައްސޭރީ އަދި ޣާޒާގައި ވެސް. އޭގެ އިތުރުން އިސްރާއީލުގެ ޖަލުތަކުގައި ވެސް. މި އަނިޔާވެރިކަމާ ކުރިމަތިލާންވީ މުޅި ގައުމު އެކީގައި. އެކުވެރި އަރަބި ގައުމުތަކުގެ އެއްބާރުލުމާއެކީގައި،” އޭނާ ވިދާޅުވެފައިވެއެވެ.

ޣާޒާގެ ހެލްތު މިނިސްޓްރީގެ ތަރުޖަމާން އަޝްރަފް އަލް ގުދްރާ ވެސް ވިދާޅުވީ، ހަމަލާތަކާ ގުޅިގެން ހޮސްޕިޓަލްތަކާއި މެޑިކަލް ޕޮއިންޓްތައް ތައްޔާރީ ހާލަތަށް ގެނެސް ހައި އެލާޓަށް ގެނެސްފައިވާ ކަމަށެވެ.

އަދި އިސްރާއީލުން ދޭ ހަމަލާތަކަށް ރައްކާތެރިވެ ތިބުމަށް ހެލްތު މިނިސްޓްރީން ވަނީ ޣާޒާގެ ރައްޔިތުންނަށް ގޮވާލައިފައެވެ.

Leave a comment

Your email address will not be published.