މުޙައްމަދު އީމާން
26 March 2019
މަޤްބޫލު ޙަބަރު

ޣާޒާއަށް ރެއަކީ ވެސް ނާމާން ދުވަހެކެވެ. ޣާޒާއިން އިސްރާއީލަށް ފޮނުވާލި ކަމަށް ބުނާ ހަމަލައެއް އެގައުމުގެ ގެއަކަށް އަމާޒުވެ ހަތް މީހުން ޒަހަމްވުމުގެ ބަދަލެއްގެ ގޮތުގައި ވަރުގަދަ ހަމަލާތަކުން މުޅި ޣާޒާ ގުޑުވާލިއެވެ. ބޮމާއި ސައިރެންގެ އަޑުތަކުން މުޅި ޣާޒާ ގުގުމާލިއެވެ. ރޭ ނިމިގެންދިޔައީ ހަމަނިދި ނުލިބި ބިރުވެރިކަމެއްގެ ތެރޭގައެވެ.

ޣާޒާއަށް ދިން ހަމަލާތަކަށްފަހު މިއަދު ސޯޝަލް މީޑިއާ ފުރާލީ ހަމަލާގައި ލިބުނު ގެއްލުންތަކުންނެވެ. ފެނިގެންދިޔައީ ބިމާ ހަމަވެފައިވާ ގެތަކެވެ. ގޮތްހުސްވެފައިވާ މޫނުތަކެކެވެ. ނިކަމެތިކަމުން އިތުރު ނިކަމެތިކަމަށް ދިޔަ މީހުންގެ ލޮލުން ކަރުނައެވެ.

އޭގެ ތެރެއިން ވެސް އެންމެ ހިތުގައި ޖައްސާލި ފޮޓޯއަކީ ޣާޒާގެ އަންހެނަކު ބިމާ ހަމަވެފައިވާ އިމާރާތެއްގެ ކުރިމަތީގައި ހުރެ ރޯ މަންޒަރެވެ. އަތުގައި އޮތް ބާލީހަކާއި ރަޖައާއެކު އެ މަންމަ ހުރީ އޭނާގެ ބިމާ ހަމަވެފައިވާ ގޭގެ ކުރިމަތީގައެވެ.

ރޮއެ ގިސްލަމުން އެ މަންމަގެ އުދާސްތައް ބަންޑުން ކޮށްލި ވީޑިއޯއެއް ވެސް ދަނީ ދައުރުވަމުންނެވެ. އެ ވީޑިއޯގައި އޭނާ ބުނަނީ، ވޭތުވެދިޔަ އަހަރުތަކުގައި ޣާޒާއަށް ރީތި ދުވަހެއް އަދި ދެކިފައިނުވާ ކަމަށެވެ.

އިސްރާއީލުގެ ޔަހޫދީ ދައުލަތުން ދިން ހަމަލާގައި އޭނާގެ އަމިއްލަ ގެ ބިމާ ހަމަވިއިރު، ފުރަތަމަ އަންހެން ދަރިފުޅުގެ ކައިވެނި މި ހަފްތާގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ މަންމަ ރޮމުން ބުނެފައިވެއެވެ. އަދިމިއީ އޭނާގެ ދަރިފުޅަށް ދިން ހަދިޔާއެއް ކަމަށް ބުނެފައިވެއެވެ.

މިއީ އެންމެ މަންމައެއްގެ ހިތްދަތި ވާހަކަތެކެވެ. ރޭގެ ހަމަލާގައި ޣާޒާގެ ބައެއް އާއިލާތަކުން ދަނީ އެ ހިތްދަތިކަން ތަޖުރިބާ ކުރަމުންނެވެ.

Leave a Reply

Your email address will not be published.

haftha.mv ©