Thu, 4 June, 2020, 12:05 pm
ޝަހީދުކޮށްލާފައިވާ ޒުވާނުންގެ ޖަނާޒާއި އެކު އެތަށްބަޔަކު ރޮއްވާލައިފި
6

އިސްރާއީލުން ހިސާރުކޮށްފައިވާ ފަލަސްތީނުގެ ޣައްޒާ އާއި އިސްރާއީލުގެ ސަރަހައްދީ ރޮނގު ގުޅޭ ސަރަހައްދުގައި ފަލަސްތީނުގެ ގިނަ އަދަދެއްގެ ރައްޔިތުން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ބޮޑު އެއްވުމުގެ ތެރެއިން ޝަހީދުކޮށްލާފައިވާ ޒުވާނުންގެ ޖަނާޒާއި އެކު ފަލަސްޠީނުގެ އެތަށްބަޔަކު ރޮއްވާލައިފިއެވެ.

“ގްރޭޓް މާޗް އޮފް ރިޓާން” ގެ ނަމުގައި ޣައްޒާ އާއި އިސްރާއީލުގެ ސަރަހައްދީ ރޮނގު ގުޅޭ ސަރަހައްދުގައި މިދިޔަ އަހަރުގެ މާރިޗްމަހު ކުރިއަށްގެންދިޔަ ހިގާލުމަށް އެއްއަހަރުފުރުން ފާހަގަކުރުމުގެ ގޮތުން މިދިޔަ ހޮނިހިރުދުވަހު ކުރިޔަށްގެންދިޔަ މި ހިގާލުގައި އިސްރާއީލު ސިފައިން ބަޑިންހަމަލާދީ ޝަހީދުކޮށްލި ފަލަސްތީނު ޒުވާނުންގެތެރޭގައި އުމުރުން 17 އަހަރުގެ ބިލާލް އަލް ނައްޖާރު އާއި ތަމީރް އަބޫ އަލްހައިރު އާއި އަދަމް އަމާރާ ގެ އިތުރުން ވިހިއަހަރުގެ މުހައްމަދު ޖިހާދު ސާދް ހިމެނެއެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެފައިވަނީ، އިސްރާއީލު ސިފައިން ބަޑިޖެހުމުގެ ސަބަބުން 17 މީހުން ޒަޚަމްވެފައިވާކަމަށާއި ކަރުނަގޭސް ޖެހުމުގެ ސަބަބުން 200 އަށްވުރެ ގިނަމީހުންނަށް އެކިވަރުގެ އަނިޔާވެފައިވާ ކަމަށެވެ. އަދި މި މުޒާހަރާގެ ތެރެއަށް އިސްރާއީލުގެ އުދުވާނީ ސިފައިން ބަޑިޖަހައި ފަލަސްތީނު ހަތަރު ޒުވާނުން ޝަހީދުކޮށްލާފައިވާކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހު ކުރިޔަށްދިޔަ މި އެއްވުމަށްް ތައްޔާރުވުމުގެ ގޮތުން އިސްރާއީލުން ސަރަހައްދީ އިމަށް ސިފައިންނާއި ބަރުހަތިޔާރު ޖަމާކޮށްފައިވީނަމަވެސް ސަރަހައްދީ އިމަށް ޖަމާވި ފަލަސްޠީނުގެ އާންމުންވަނީ، ސަލާމަތީ ފެންސުގެ އަނެއް ފަޅީގައި ތިބި އިސްރާއީލު ސިފައިންނާ ދިމާއަށް އޮށްގަލާއި، އަތުބޮމާއި އަލިފާން ރޯކޮށްފައިވާ ޓައިރު އުކާފައެވެ.

ޣައްޒާ އާއި އިސްރާއީލުގެ ސަރަހައްދީ ރޮނގު ގުޅޭ ސަރަހައްދުގައި 2018ވަނަ އަހަރު ބޭއްވި “ގްރޭޓް މާޗް އޮފް ރިޓާން” ގެ ހިގާލުމުގައި އިސްރާއީލު ސިފައިންވަނީ ފަލަސްތީނުގެ 150 މީހަކު ޝަހީދުކޮށްލާފައެވެ. އޭގެތެރޭގައި  ކުޑަކުދިންނާއި އުމުރުން ދުވަސްވީމީހުންގެ އިތުރުން އަންހެނުންވެސް އެ އެއްވުމުގައި ވަނީ ޝަހީދު ކޮށްލާފައެވެ.

ޣައްޒާގެ އާންމުން މީގެ އެއްއަހަރު ކުރިން މުޒާހަރާ ފެށީ، އިސްރާއީލާއި މިސްރުން ޣައްޒާ ބަންދުކޮށްފައި އޮންނަ އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލުމަށާއި، ޣައްޒާގެ ބިމުން ގަދަކަމުން ބޭރުކޮށްލެވިފައިވާ ފަލަސްތީނު ރައްޔިތުން އެނބުރި އެމީހުންގެ ވަޒަނަށް އައުމުގެ ހައްގު ދިނުމަށް ގޮވާލުމަށެވެ.

Leave a comment

Your email address will not be published.