މުޙައްމަދު އީމާން
14 April 2019
މަޤްބޫލު ޙަބަރު

ނިޔޭގައި މިހާތަނަށް އުފެއްދި އެންމެ ބޮޑު މަތިންދާބޯޓު ފުރަތަމަ ފަހަރަށް އިއްޔެ އުދުހިއްޖެއެވެ.

ބައިނަލްއަގްވާމީ ޖައްވީ ސްޓޭޝަނާ އެއްވަރުގެ ބޮޑު އަދި ބަރުދަނުގައި ފަސް ލައްކަ ޕައުންޑު ހުންނަ އެ ފްލައިޓް އުދުއްސައިގަތީ ކެލިފޯނިއާގެ މޮޖާވޭގައި ހުންނަ މޮޖާވޭ އެއާ އެންޑް ސްޕޭސް ޕޯޓުންނެވެ.

ރިޕޯތްތައް ބުނާގޮތުން، އެ ބިޔަ މަތިންދާބޯޓު ވަނީ ދެ ގަޑިއިރާ ބައި ވަންދެން އުދުހިފައެވެ.

“ރޮކް”ގެ ނަން ދީފައިވާ އެ ބިޔަ މަތިންދާބޯޓަކީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި މަރުވި މައިކްރޯސޮފްޓްގެ ކޯފައުންޑާ އަދި ބިލިއަނަރު ޕޯލް އެލެންގެ ކުންފުނި ސްޓްރެޓޯލޯންޗުން އުފެއްދި ބޯޓެކެވެ.

އެ ބޯޓުގެ ފިޔަގަނޑުގެ ދިގުމިނުގައި އެމެރިކަން ފުޓްބޯލް ދަނޑެއްގެ ދިގުމިން ހުންނައިރު، އޭގައި ބޮއިން 747 ގައި ބޭނުންކުރާ ބާވަތުގެ ހަ އިންޖީނު ހަރުކޮށްފައި ހުރެއެވެ. އަދި އިސްކޮޅުގައި 50 ފޫޓު ހުންނައިރު ބޯޓުގައި 28 ފުރޮޅު ހުރެއެވެ.

ސްޓްރެޓޯލޯންޗުން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި އެ ބޯޓު ފަރުމާކޮށްފައިވަނީ ވައިގެ މަގުން ރޮކެޓް އުފުލުމަށާއި ރޮކެޓް ލޯންޗު ކުރާ ޕްލެޓްފޯމެއްގެ ގޮތުގައެވެ. އޭގެ ސަބަބުން ރޮކެޓެއް ލޯންޗު ކުރުމަށް ބޭނުންވާ ހަކަތައިގެ މިންވަރު ވެސް ކުޑަވާއެވެ.

Leave a Reply

Your email address will not be published.

haftha.mv ©