މުޙައްމަދު އީމާން
20 April 2019
މަޤްބޫލު ޙަބަރު

ޗަންދިގާރު، އިންޑިއާ – އިންޑިއާގެ ޖަލެއްގެ އޮފިޝަލުންތަކެއް، މުސްލިމެއްގެ ގައިގާ ހިންދޫ ދީނުގެ ނިޝާނެއް ދޮންކޮށްފައި ޖައްސައި އަނިޔާކޮށްފިއެވެ.

އިންޑިއާ ޓުޑޭގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި، ނިއު ދެއްލީގައި ހުންނަ ތިހާރު ޖަލުގައި ހިންގި އެ ހާދިސާގައި ޖަލު އޮފިޝަލުން އަނިޔާކޮށްފައިވަނީ އުމުރުން 34 އަހަރުގެ ޝާބިރު ނަމަކަށް ކިޔާ މުސްލިމަކަށެވެ. އޭނާއަކީ 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން އެ ޖަލުގައި އުޅެމުންދާ މީހެކެވެ.

އެގޮތުން އޭނާއަށް އަނިޔާކުރި މައްސަލަ ފެންމަތިވީ ޝާބިރުގެ އާއިލާއިން ކޯޓަށް ގޮސް އެ މައްސަލަ ހުށަހެޅުމުންނެވެ. އަދި އެ މައްސަލާގައި ޝާބިރު ކޯޓަށް ހާޒިރު ކުރުމުން އޭނާ ވަނީ ކޯޓުގެ މެޖިސްޓްރޭޓަށް އޭނާގެ ބުރަކަށީގައި ދޮންކޮށްފައި ޖެއްސި ހިންދޫ ދީނުގެ ނިޝާން ދައްކައިފައެވެ.

ރިޕޯޓްތައް ބުނާގޮތުން މިމަހުގެ 12 ވަނަ ދުވަހު ޝާބިރަށް ޖަލު އޮފިސަރުން އަނިޔާކުރަން ފެށީ އޭނާ އުޅޭ ބެރެކްސްގައި ބޭނުންކުރާ އުނދުން ރަނގަޅަށް މަސައްކަތް ނުކުރާ ކަމުގެ ޝަކުވާ ޖަލުގެ ސުޕްރިޑެންޓެންޑް އަށް ހުށަހެޅުމުންނެވެ.

އެކަމުގެ ޝަކުވާ ކުރުމުން ޖަލު އޮފިސަރުން އޭނާގެ ގައިގާ ތަޅާ އަނިޔާކުރިއެވެ. އަދި ފަހުން ޖަލުގެ ސުޕްރިޑެންޓެންޑްގެ އޮފީހަށް ގެންގޮސް، ސުޕްރިޑެންޓާއި ޖަލުގެ އެހެން އޮފިސަރުން ވެސް ޝާބިރަށް އަނިޔާކުރި ކަމަށް އޭނާ ކޯޓުގައި ބުނެފައިވެއެވެ.

ރިޕޯޓްތައް ބުނާގޮތުން، ޝާބިރަށް އަނިޔާކުރުމަށްފަހު ދަގަނޑުން ހަދާފައިވާ ހިންދޫ ދީނުގެ ނިޝާން ދޮންކޮށްފައި އޭނާގެ ބުރަކަށީގައި ޖައްސާ ފިއްސާލިއެވެ. އަދި އޭގެ ދެ ދުވަސް ވަންދެން ކާން ނުދީ ބެހެއްޓި ކަމަށް ވެސް ޝާބިރު ބުންޏެވެ.

އިންޑިއާ ޓުޑޭގައި ބުނެފައިވާ ގޮތުން، ޝާބިރަށް އަނިޔާކުރި އޮފިޝަލުން ފަހުން ވަނީ، މުސްލިމުންނާ ހެދި މުޅި ގައުމު ހަލާކުވެއްޖެ ކަމަށްބުނެ ވެސް އޭނާއަށް އަނިޔާކޮށްފައެވެ.

މި ވާހަކަތައް ކޯޓުގައި ޝާބިރު ބުނުމުން، ފަނޑިޔާރު ވަނީ ޝާބިރަށް ސިއްހީ ފަރުވާ ދިނުމަށް އަމުރުކޮށްފައެވެ. އަދި ޖަލުގެ ސުޕްރިޑެންޓުގެ ބެލުމުގެ ދަށުން ޝާބިރު ވަކިކޮށް އެހެން ތަނަކަށް ބަދަލުކުރުމަށް އެންގިއެވެ.

އޭގެ އިތުރުން ކޯޓުގެ ފަނޑިޔާރު ވަނީ، ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ޖަލުގެ ސީސީޓީވީ ފުޓޭޖާއި ޖަލުގައި ތިބި އެހެން ގައިދީންގެ ބަޔާން ނަގާ އެ މައްސަލަ ވަގުތުން ތަހުގީގު ކުރުމަށް އަމުރުކޮށްފައެވެ.

އެ މައްސަލާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ތިހާރު ޖަލުގެ އޮފިޝަލުން ކޯޓަށް ހާޒިރުވާން އެންގި ނަމަވެސް އެއްވެސް އޮފިޝަލަކު ހާޒިރުވެފައެއް ނުވެއެވެ. އަދި ޝާބިރުގެ މެޑިކަލް ރިޕޯޓެއް އަދި ތަހުގީގު ރިޕޯޓެއް ވެސް ކޯޓަށް ހުށަހަޅާފައެއް ނުވެއެވެ.

އެގޮތުން ކޯޓުގެ ފަނޑިޔާރު ވަނީ ކުރިން ވެސް އަމުރުކުރި ކަންކަން އަލުން ކުރުމަށް އަމުރުކޮށް، އަންނަ ހޯމަ ދުވަހު އިތުރު އަޑުއެހުމެއް ބޭއްވުމަށް ތާވަލުކޮށްފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©