މުޙައްމަދު އީމާން
21 April 2019
މަޤްބޫލު ޙަބަރު

ސްރީ ލަންކާގައި މިއަދު ދެމުން ގެންދާ ބޮމުގެ ހަމަލާތަކާ ގުޅިގެން ތުހުމަތު ކުރެވޭ ހަތް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އެގައުމުގެ ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.

ކްރިސްޓިއަނުން މިއަދު ފާހަގަކުރާ އީސްޓާއާ ދިމާކޮށް މިއަދު ހެނދުން ފެށިގެން ލަންކާގެ އެކި ސަރަހައްދުތަކުގައި ވަނީ ބޮމުގެ އަށް ހަމަލާއެއް ދީފައެވެ.

އެގޮތުން ދިވެހިން ގިނަ އަދަދަކަށް އުޅޭ ކޮލަމްބޯ، ނިގަމްބޯ، ބަޓިކޮލާ، ދެހިވަލަ އަދި ޑެމަޓޮގޮޑާގައި ދިން ހަމަލާތަކުގައި މިހާތަނަށް 190 މީހުން ވަނީ މަރުވެފައެވެ.

ހަމަލާތަކާ ގުޅިގެން ލަންކާގެ ސްޓޭޓް ޑިފެންސް މިނިސްޓަރު ރުވަން ވިޖެވަރުދެނޭ ވިދާޅުވީ، ހަމަލާ ދީފައިވަނީ އެ ގުރޫޕަކުން ކަމަށާއި ތުހުމަތު ކުރެވޭ ހަތް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އޭގެ ތެރެއިން ދެ މީހުން ހައްޔަރުކުރީ ޑެމަޓަގޮޑާއިންނެވެ. އެ ސަރަހައްދުގައި ދިން ހަމަލާތަކުގައި ތިން ފުލުހަކު ވެސް ވަނީ މަރުވެފައެވެ.

އޭނާ އިތުރަށް ވިދާޅުވެފައިވަނީ، މިއަދު ދިން ހަމަލާތަކުގެ ތެރެއިން ގިނަ ހަމަލާ ދީފައިވަނީ އަމިއްލައަށް ޖާނު ގޮއްވާލައިގެން ކަމަށެވެ.

މިއަދުގެ ހަމަލާތަކާ ގުޅިގެން ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ ވަނީ، ހަމަލާތައް ދިނުމުގެ ފަހަތުގައި ތިބީ ކޮންބައެއްތޯ ހޯދައި އެމީހުންނާމެދު ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް އެގައުމުގެ ސިފައިންނަށް ގޮވާލައްވައިފައެވެ.

އަދި ހަމަލާތަކާ ގުޅިގެން ލަންކާގައި މުއްދަތެއް ނެތް ގޮތަށް ކާފިއު އިއުލާން ކޮށްފައިވާއިރު، ކުރިއަށް އޮތް ދެ ދުވަހަށް ސަރުކާރު ވަނީ ބަންދުކޮށްފައެވެ.

އަދި ސަރުކާރުގެ ހުރިހާ ޔުނިވާސިޓީއެއްވެސް މުއްދަތެއް ނެތްގޮތަށް ބަންދުކޮށް، ލަންކާގެ ސްކޫލްތަކުގައި ބާއްވަން ހަމަޖެހިފައި އޮތް ހަތަރު އިމްތިހާނެއް ވެސް ވަނީ ފަސްކޮށްފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©