Mon, 25 May, 2020, 10:40 pm
ހަމަލާ ދޭން އުޅުނު މީހުންނާއި ގޮވާތަކެތި އުފުލި ކަމަށް ބެލެވޭ ވޭނެއް ހިފަހައްޓައިފި
14

ސްރީ ލަންކާގެ އެކި ސަރަހައްދުތަކަށް ބޮމުގެ ހަމަލާދޭން އުޅުނު މީހުންނާއި ގޮވާތަކެތި އުފުލި ކަމަށް ތުހުމަތު ކުރެވޭ ވޭނެއް ލަންކާގެ ސިފައިން ހުއްޓުވައިފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އެ ވޭން ހުއްޓުވާފައިވަނީ ދިވެހިން ގިނަ އަދަދަކަށް އުޅޭ ވެއްލަވައްތަ ސަރަހައްދުގެ ރަމަކްރިޝްނާ ރޯޑުންނެވެ.  ނަމަވެސް އޭގެ ތެރެއިން އެއްވެސް މީހަކު ހައްޔަރުކުރި ކަމެއް އަދި އެއްވެސް އެއްޗެއް ފެނުނު ކަމުގެ މައުލޫމާތެއް އަދި ނުލިބެއެވެ.

ކްރިސްޓިއަނުން މިއަދު ފާހަގަކުރާ އީސްޓާއާ ދިމާކޮށް މިއަދު ލަންކާގެ އެކި ސަރަހައްދުތަކުގައި ވަނީ ބޮމުގެ އަށް ހަމަލާއެއް ދީފައެވެ. އެގޮތުން ދިވެހިން ގިނަ އަދަދަކަށް އުޅޭ ކޮލަމްބޯ، ނިގަމްބޯ، ބަޓިކޮލާ، ދެހިވަލަ އަދި ޑެމަޓޮގޮޑާގައި ދިން ހަމަލާތަކުގައި މިހާތަނަށް 207 މީހުން މަރުވެފައިވެއެވެ.

އޭގެ ތެރޭގައި އެހެން ގައުމުތަކަށް ނިސްބަތްވާ 35 މީހަކު ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ހަމަލާތަކާ ގުޅިގެން ލަންކާގެ ސްޓޭޓް ޑިފެންސް މިނިސްޓަރު ރުވަން ވިޖެވަރުދެނޭ ވިދާޅުވީ، ހަމަލާ ދީފައިވަނީ އެ ގުރޫޕަކުން ކަމަށާއި ތުހުމަތު ކުރެވޭ ހަތް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މިއަދު ދިން ހަމަލާތަކުގެ ތެރެއިން ގިނަ ހަމަލާ ދީފައިވަނީ އަމިއްލައަށް ޖާނު ގޮއްވާލައިގެން ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ލަންކާގައި ދިން ހަމަލާތަކާ ގުޅިގެން ލަންކާގައި ވަނީ މުއްދަތެއް ނެތް ގޮތަށް ކާފިއު އިއުލާން ކޮށްފައެވެ. އަދި ކުރިއަށް އޮތް ދެ ދުވަހަށް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައިވާއިރު، ސަރުކާރުގެ ހުރިހާ ޔުނިވާސިޓީއެއް ވެސް މުއްދަތެއް ނެތްގޮތަށް ބަންދުކޮށްފައެވެ.

Leave a comment

Your email address will not be published.