Mon, 1 June, 2020, 5:34 pm
ހަމަލާދިން ޓެރަރިސްޓުން ތިބި ގެއެއް ހޯދިއްޖެ، ހައްޔަރުކުރި މީހުންގެ އަދަދު 13 އަށް!
33

ސްރީ ލަންކާގެ އެކި ސަރަހައްދުތަކަށް ޓެރަރިސްޓް ހަމަލާދިން ކަމަށް ބެލެވޭ މީހުން ތިބި ގެއެއް ލަންކާ ފުލުހުން ހޯދައިފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ލަންކާގެ އުތުރުގައި އޮންނަ ޕަނަދުރާގައި ހުންނަ އެ ގެއަކީ ހަމަލާދިނުމުގެ ކުރިން ޓެރަރިސްޓުން ހިޔާވަހިކަން ހޯދަން ފިލާ ތިބި ގެ ކަމަށެވެ.

އެ ގެއިން އެއްވެސް މީހަކު ހައްޔަރުކުރި ކަމެއް އަދި އެތަނުން އެއްވެސް ކަހަލަ ހަތިޔާރެއް ފެނުނު ކަމެއް އަދި ނޭނގެއެވެ.

ނަމަވެސް ލަންކާ ފުލުހުންގެ ތަރުޖަމާނާ ހަވާލާދީ މީޑިއާތަކުން ބުނާގޮތުގައި، ބޮން ގޮއްވުމުގެ ހާދިސާތަކުގައި މިހާތަނަށް 13 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރެއިން 10 މީހުން މިހާރު ސީއައިޑީއާ ހަވާލުކޮށްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

ޓެރަރިސްޓުން ތިބި ގެއެއް ލަންކާ ފުލުހުން ހޯދިއިރު، ބޮމުގެ ހަމަލާދޭން އުޅުނު މީހުންނާއި ގޮވާތަކެތި އުފުލި ކަމަށް ތުހުމަތު ކުރެވޭ ވޭނެއް ވެސް ވަނީ މިއަދު ހިފަހައްޓައިފައެވެ. ނަމަވެސް އޭގެ ތެރެއިން އެއްވެސް މީހަކު ހައްޔަރުކުރި ކަމެއް އަދި އެއްވެސް އެއްޗެއް ފެނުނު ކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ކްރިސްޓިއަނުން މިއަދު ފާހަގަކުރާ އީސްޓާއާ ދިމާކޮށް މިއަދު ލަންކާގެ އެކި ސަރަހައްދުތަކުގައި ވަނީ ބޮމުގެ އަށް ހަމަލާއެއް ދީފައެވެ. އެގޮތުން ދިވެހިން ގިނަ އަދަދަކަށް އުޅޭ ކޮލަމްބޯ، ނިގަމްބޯ، ބަޓިކޮލާ، ދެހިވަލަ އަދި ޑެމަޓޮގޮޑާގައި ދިން ހަމަލާތަކުގައި މިހާތަނަށް 207 މީހުން މަރުވެފައިވެއެވެ.

އޭގެ ތެރޭގައި އެހެން ގައުމުތަކަށް ނިސްބަތްވާ 35 މީހަކު ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ހަމަލާތަކާ ގުޅިގެން ލަންކާގެ ސްޓޭޓް ޑިފެންސް މިނިސްޓަރު ރުވަން ވިޖެވަރުދެނޭ ވިދާޅުވީ، ހަމަލާ ދީފައިވަނީ އެ ގުރޫޕަކުން ކަމަށާއި ތުހުމަތު ކުރެވޭ ހަތް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މިއަދު ދިން ހަމަލާތަކުގެ ތެރެއިން ގިނަ ހަމަލާ ދީފައިވަނީ އަމިއްލައަށް ޖާނު ގޮއްވާލައިގެން ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ލަންކާގައި ދިން ހަމަލާތަކާ ގުޅިގެން ލަންކާގައި ވަނީ މުއްދަތެއް ނެތް ގޮތަށް ކާފިއު އިއުލާން ކޮށްފައެވެ. އަދި ކުރިއަށް އޮތް ދެ ދުވަހަށް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައިވާއިރު، ސަރުކާރުގެ ހުރިހާ ޔުނިވާސިޓީއެއް ވެސް މުއްދަތެއް ނެތްގޮތަށް ބަންދުކޮށްފައެވެ.

Leave a comment

Your email address will not be published.