މުޙައްމަދު އީމާން
24 April 2019
މަޤްބޫލު ޙަބަރު

ސްރީ ލަންކާގައި އާދީއްތަ ދުވަހު ދިން ބޮމުގެ ހަމަލާތަކުގެ ތެރެއިން އަމިއްލަ ޖާނު ގޮއްވާލައިގެން ހަމަލާދިނީ ނުވަ މީހަކު ކަމަށް އެގައުމުގެ ފުލުހުން ބުނެފިއެވެ.

ލަންކާ ފުލުހުންގެ ތަރުޖަމާން ރުވާން ގުނަސެކަރައާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އެދުވަހުގެ ހަމަލާތަކުގައި އަމިއްލަ ޖާނު ގޮއްވާލި ނުވަ މީހުންގެ ތެރެއިން އަށް މީހަކު ވަނީ ދެނެގަނެވިފައެވެ.

އަދި އެ ހަމަލާތައް ދިނުމުގައި ތުހުމަތު ކުރެވޭ 60 މީހުން މިހާރު ހައްޔަރުގައި އެބަ ތިބި ކަމަށާއި އެ އެންމެންނަކީ ވެސް ލަންކާގެ ރައްޔިތުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން ލަންކާގެ ސިފައިންނާއި ފުލުހުން ވަނީ، ލަންކާގެ ހަތަރު ސަރަހައްދެއްގައި ރޭ ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ ނޭޝަނަލް ތައުދީހު ޖަމާއަތާ ގުޅުން އޮންނަ ކަމަށް ތުހުމަތު ކުރެވޭ 18 މީހަކު ހައްޔަރު ކޮށްފައެވެ.

އެ މީހުންގެ ތެރެއިްނ އަލުތުގަމާ އިން ހަ މީހުން ހައްޔަރުކުރިއިރު، ބެރުވަލާ އިން ފަސް މީހުން އަދި ކަޓަނާއިން ހަ މީހުން ވަނީ ހައްޔަރުކޮށްފައެވެ. އަދި ވަރަކަޕޮލާ ސަރަހައްދުން އިއްޔެގެ އޮޕަރޭޝަންގައި އެކަކު ވަނީ އަތުލައިގެންފައެވެ.

މިދިޔަ އާދީއްތަ ދުވަހު ކްރިސްޓިއަނުން ފާހަގަކުރި އީސްޓާއާ ދިމާކޮށް ކްރިސްޓިއަން ފައްޅިތަކަށާއި މަޝްހޫރު ހޮޓާތަކަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާތަކުގައި މިހާތަނަށް 321 މީހުން މަރުވެފައިވާކަން ވަނީ ޔަގީން ކުރެވިފައެވެ. އޭގެ ތެރެއިން ގިނަ ބައެއްގެ ޖަނާޒާ އިއްޔެ ވަނީ ބާއްވައިފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©