ނަސްވާ ހަސަން
24 April 2019
މަޤްބޫލު ޙަބަރު

ސްރީ ލަންކާގައި އާދީއްތަ ދުވަހު ދިން ނުރައްކާތެރި ބޮމުގެ ހަމަލާގައި، ޖާނުން ފިދާވެގެން ހަމަލާ ދިން ދެ މީހެއްގެ ވީޑިއޯއެއް އެގައުމުގެ މީޑިއާތަކުން އާއްމުކޮށްފިއެވެ.

ވީޑިއޯ އިން ފެންނަނީ އާދީޢްތަ ދުވަހުގެ ހެނދުނު ޝަންގްރިއްލާ ހޮޓަލްއަށް ބޮމުގެ ހަމަލާދިން ދެ މީހެކެވެ. އެގޮތުން ދޮޅު މިނެޓުގެ އެ ވީޑިއޯގައި ހަމަލާ ދިން ދެ މީހުން ގޮވާތަކެތި އަޅާފައިކަމަށް ބެލެވޭ ދެބަހެއް ކޮނޑުގައި އަޅުވައިގެން ހޮޓަލްގެ ރެސްޓޯރެންޓަށް ދިއުމަށްޓަކާ ލިފްޓަށް އަރާ މަންޒަރު ފެނެއެވެ.

ނަމަވެސް އެ މީހުންގެ މޫނުމަތިން ހާސްކަމެއް، ކަންބޮޑުވުމެއް ފެންނަން ނެތްއިރު އޭގެ ތެރެއިން އެކަކު ހިނިތުންވާ ތަންވެސް ފެނެއެވެ.

ވީޑިއޯގައި ދެން ފެންނަނީ ހޮޓެލްގެ ރެސްޓޯރެންޓް ތެރެއަށް ދެ މީހުން ވަދެގެން އަންނަ ތަނެވެ. އޭރު ކްރިސްޓިއަނުން އެދުވަހު ފާހަގަކުރި އީސްޓާ ސަންޑޭއާ ދިމާކޮށް ގިނަ ބަޔަކު ހެނދުނުގެ ނާސްތާ ނަގަމުންދިޔައެވެ. އަދި ހަމަލާދިން ދެމީހުން ވެސް ހެނދުނުގެ ނާސްތާ ނެގުމަށް ހަދާފައިހުރި ބުފޭ ކިއުގައި މަޑުކޮށްލުމަށްފަހު ބޮން ގޮއްވާލާތަން ފެނެއެވެ.

ޖާނުން ފިދާވެގެން އެމީހުން ބޮން ގޮއްވާލުމާއެކު ގިނަ ބަޔަކު މަރުވެ އެތައް ބަޔަކު ޒަހަމްވި، އެ ރެސްޓޯރެންޓްގައި ތިބި ބައެއް ޓޫރިސްޓުން ވެސް ވަނީ މަރުވެފައެވެ.

ލަންކާއަށް މިފަހުން ދިން އެންމެ ނުރައްކާތެރި ހަމަލާގައި މަރުވި މީހުންގެ އަދަދު މިހާރު 359 އަށް އަރާފައިވާއިރު ހަމަލާތަކާ ގުޅިގެން އެގައުމުން ވަނީ މިހާތަނަށް 60 މީހުން ހައްޔަރުކޮށްފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©