މުޙައްމަދު އީމާން
26 April 2019
މަޤްބޫލު ޙަބަރު

އަވަށްޓެރި ސްރީލަންކާގެ ކޮލަމްބޯ ސަރަހައްދަކުން 46 ގަޑިއާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ތަރުޖަމާން ރުވާން ގުނަސެކަރައާ ހަވާލާދީ ލަންކާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އެ މީހާ ހައްޔަރުކުރީ ކޮލަމްބޯގެ ސަބްއާބްއެއް ކަމަށްވާ ސްލޭވް އައިލެންޑް ސަރަހައްދުގައި ފުލުހުން މިއަދު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

އަދި އޭނާއާ ގުޅުންހުރި ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ކަނޑިތައް ފެނުނީ ސްލޭވް އައިލެންޑްގައި ހުންނަ ޑިފެންސް ކޮލެޖް ކައިރިން ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެތަން ހޯދާ ބެލިބެލުމުގައި ކަނޑިތަކަކާއެކު 15 ކަތިވަޅިއާއި ލަންކާ އަސްކަރިއްޔާއިން ބޭނުންކުރާ ޔުނީފޯމްތަކާ ދާދި އެއްވައްތަރު 20 ޔުނީފޯމް ވަނީ ފެނިފައެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުން އެތަނުން 25 ޔުނީފޯމް ވަނީ ފެނިފައެވެ.

ކްރިސްޓިއަނުން މިދިޔަ އާދީއްތަ ދުވަހު ފާހަގަކުރި އީސްޓާ ސަންޑޭއާ ދިމާކޮށް ލަންކާގެ ފައްޅިތަކަށާއި މަޝްހޫރު ހޮޓާތައް ހިމެނޭ ގޮތަށް ލަންކާގެ އަށް ތަނަކަށް ވަނީ ބޮމުގެ ހަމަލާތަކެއް ދީފައެވެ. ހަމަލާތަކުގައި 253 މީހުން މަރުވެފައިވާ ކަމަށް ލަންކާގެ ހެލްތު މިނިސްޓްރީން ބުނެއެވެ.

ހަމަލާތަކާ ގުޅިގެން ލަންކާގައި ކުއްލި ހާލަތު އިއުލާންކޮށް ހަމަލާދިން މީހުން ހޯދުމަށް އެގައުމުގެ ފުލުހުންނާއި ސިފައިން ގުޅިގެން އޮޕަރޭޝަންތަކެއް ހިންގަމުންދާއިރު ހަމަލާތަކުގެ ތުހުމަތުގައި މިހާތަނަށް 80 އަށްވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©