މުޙައްމަދު އީމާން
28 April 2019
މަޤްބޫލު ޙަބަރު

ކޮލަމްބޯ/ ކަލްމުނައި (ރޮއިޓާސް) – ސްރީ ލަންކާގެ ފުލުހުން މިދިޔަ ހުކުރު ދުވަހު ހިންގި އޮޕަރޭޝަނެއްގައި ހިނގި ކުރިމަތިލުންތަކުގައި، ލަންކާގައި ބޮމުގެ ހަމަލާތައް ދިނުމުގައި އިސްކޮށް އުޅުނު ޒަހްރާން ހާޝިމީގެ ބައްޕައާއި ދެ ބޭބެއަކު މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ލަންކާގެ އިރުމަތީ ޕްރޮވިންސް ކަލްމުނައި ސިޓީގައި ހުންނަ ގެ އަކަށް ފުލުހުން ވަންނަން އުޅުމުން، ފުލުހުންނާއި ހަނގުރާމަވެރިންނާ ދެމެދު ބަދަލުކުރެވުނު ވަރުގަދަ ހަަމަލާތަކުގައި 15 މީހުން ވަނީ މަރުވެފައެވެ.

އެ މީހުންގެ ތެރެއިން ތިން މީހަކު އަމިއްލަ ޖާނު ގޮއްވާލައިގެން މަރުވިއިރު، މަރުވި މީހުންގެ ތެރޭގައި ހަ ކުޑަކުދިންނާއި ތިން އަންހެނުން ވެސް ހިމެނެއެވެ. އަމިއްލައަށް ޖާނު ގޮއްވާލައިގެން މަރުވި މީހުންގެ ޒިންމާ އައިއެސް އިން ވަނީ ފަހުން އުފުލައިފައެވެ.

ފުލުހުންގެ ހަތަރު މަސްދަރަކާއި ޖާނު ގޮއްވާލައިގެން ހަމަލާދިން މީހުންގެ އާއިލާތަކާ ހަވާލާދީ ރޮއިޓާސްގައި މިއަދު ބުނެފައިވަނީ، މަރުވި މީހުންގެ ތެރޭގައި ޒަހްރާންގެ ދެ ބޭބެ ކަމަށްވާ ޒައިނީ ހާޝިމް އާއި ރިލްވާން ހާޝިމްގެ އިތުރުން ބައްޕަ މުހައްމަދު ހާޝިމް މަރުވެފައިވާ ކަމަށެވެ.

އަދި ޝަހީދުވުމާއި ދީން ގަބޫލުނުކުރާ ހުރިހާ އެންމެން މެރުމަށް ގޮވާލާ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ތިން މީހުން ވެސް ހުކުރު ދުވަހުގެ ހަމަލާގައި މަރުވެފައިވާ ކަމަށް ފުލުހުންގެ މަސްދަރުތަކާ ހަވާލާދީ ރޮއިޓާސްގައި ބުނެފައިވެއެވެ.

ހުކުރު ދުވަހު ލަންކާގެ ފުލުހުން ހިންގި އޮޕަރޭޝަންގައި ޒަހްރާންގެ ބައްޕަ އާއި ދެ ބޭބެ މަރުވެފައިވާއިރު ހަމަލާތަކުގައި ޒަހަމްވި މީހުންގެ ތެރޭގައި އޭނާގެ އަންހެނުންނާއި ހަތަރު އަހަރުގެ ދަރިފުޅު ހިމެނެއެވެ.

އަދި ފުލުހުންނާއި ހަނގުރާމަވެރިންނާ ދެމެދު ކުރިމަތިލުން ހިނގި ސަރަހައްދުގައި ހުރި ގެއަކުން ފުލުހުން ވަނީ ގޮވާ ތަކެއްޗާއި ޑްރޯންއެއް ވެސް ހޯދައިފައެވެ.

ފައްޅިތަކަށާއި ހޮޓާތަކަށް އަމާޒުކޮށް މިދިޔަ އާދީއްތަ ދުވަހު ދިން ހަމަލާތަކުގައި 250 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، ލަންކާ ސަރުކާރުން ބުނާ ގޮތުގައި އެ ދުވަހުގެ ހަމަލާތައް ދީފައިވަނީ އެގައުމުގެ ހަނގުރާމަވެރި ދެ ޖަމާއަތެއް ކަމަށްވާ ނެޝަނަލް ތައުހީދު ޖަމާއަތް (އެންޓީޖޭ) އާއި ޖަމިއްޔަތު މިއްލަތި އިބްރާހީމް (ޖޭއެމްއައި) ގުޅިގެންނެވެ.

އަދި އެންޓީޖޭގެ ލީޑަރު ކަމަށްވާ ޒަހްރާން ވަނީ އެދުވަހުގެ ދިން ހަމަލާތަކުގެ ތެރެއިން ޝަންގްރިއްލާ ހޮޓަލުގައި ދިން ހަމަލާގައި އަމިއްލައަށް މަރުވެފަ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©