Thu, 28 May, 2020, 8:26 am
މިލިޓަރީ ޔުނީފޯމް އެޅި ބަޔަކު އިތުރު ހަމަލާތަކެއް ދީފާނެ ކަމުގެ އިންޒާރާއެކު ލަންކާ އެލާޓަށް!
21

ކޮލަމްބޯ (ރޮއިޓާސް) – އީސްޓާ ސަންޑޭއާ ދިމާކޮށް ލަންކާގެ އެކި ސަރަހައްދުތަކަށް ބޮމުގެ ހަމަލާތައް ދިނުމުގެ ފަހަތުގައި ތިބި ހަނގުރާމަވެރިންތައް، އިތުރު ހަމަލާތަކެއް ދިނުމަށް ރާވަމުންދާ ކަމުގެ އިންޒާރު ސްރީ ލަންކާގެ ސަލާމަތީ އޮފިޝަލުންނަށް ދީފިއެވެ.

ލަންކާގެ ގާނޫނު ހަދާ މެންބަރުންނަށާއި ލަންކާގެ އެހެން ސެކިއުރިޓީ ސެކްޝަންތަކަށް އެކަމުގެ މައުލޫމާތު ދީފައިވަނީ، ލަންކާގެ ފުލުހުންގެ ޔުނިޓެއް ކަމަށްވާ މިނިސްޓްރިއަލް ސެކިއުރިޓީ ޑިވިޝަންގެ އިސްވެރިޔާ ފޮނުވި ސިޓީއެއްގައެވެ.

“އިތުރު ހަމަލާތަކެއް އައުން އެކަށީގެންވޭ. ލިބިފައިވާ މައުލޫމާތުތަކުގައި އިތުރަށް ބުނެފައިވަނީ ހަމަލާތައް ދިނުމަށް ރާވަމުންދާ ކަމަށް ބެލެވެނީ ވޭނަކާއި މިލިޓަރީ ޔުނީފޯމް އަޅައިގެން ތިބި ބަޔަކު ވެގެން ކަމަށް،” ސަލާމަތީ ބާރުތަކަށް ފޮނުވި ސިޓީގައި ބުނެފައިވެއެވެ.

އެ ސިޓީގައި އިތުރަށް ބުނެފައިވަނީ، ހަނގުރާމަވެރިންގެ ހަމަލާތައް އަމާޒު ކުރަން ރާވަމުންދަނީ ފަސް ތަނަކަށް ކަމަށާއި ހަމަލާދޭނެ ކަމަށް ބެލެވެނީ އާދީއްތަ ނުވަތަ ހޯމަ ދުވަހު ކަމަށެވެ.

ފައްޅިތަކަށާއި ހޮޓާތަކަށް އަމާޒުކޮށް މިމަހުގެ 21 ވަނަ ދުވަހު ދިން ހަމަލާތަކުގައި 250 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި ގައުމުން ބޭރު 40 މީހުން ވެސް ހިމެނެއެވެ.

އަދި އެ ހަމަލާތަކަށްފަހު ލަންކާގައި ކުއްލި ހާލަތު އިއުލާންކޮށް، ފުލުހުންނާއި ސިފައިން ގެންދަނީ  އެކި ސަރަހައްދުތަކުގައި ފޯރި މަރާ، ތުހުމަތު ކުރެވޭ ތަންތަނާއި މީހުން ހައްޔަރު ކުރަމުންނެވެ.

ލަންކާ ސަރުކާރުން ބުނާ ގޮތުގައި އެ ދުވަހުގެ ހަމަލާތައް ދީފައިވަނީ އެގައުމުގެ ހަނގުރާމަވެރި ދެ ޖަމާއަތެއް ކަމަށްވާ ނެޝަނަލް ތައުހީދު ޖަމާއަތް (އެންޓީޖޭ) އާއި ޖަމިއްޔަތު މިއްލަތި އިބްރާހީމް (ޖޭއެމްއައި) ގުޅިގެންނެވެ. ނަމަވެސް އައިއެސް އިން ވަނީ އެކަމުގެ ޒިންމާ އުފުލާފައެވެ.

Leave a comment

Your email address will not be published.