މުޙައްމަދު އީމާން
29 April 2019
މަޤްބޫލު ޙަބަރު

އަޖްމަން (ގަލްފު ނިއުސް) – ޕްލޭޔާއަންނޯންސް ބެޓަލްގުރައުންޑް (ޕަބްޖީ) އަކީ މިއަދު ޒުވާނުންގެ މެދުގައި މަގުބޫލު އޮންލައިން ގޭމެކެވެ. މަގުބޫލު ވެގެން ގޮސް ކޮފީ އަކަށް އެރިއަސް އަރަނީ އެ ކުޅޭށެވެ. ދެ މީހަކު ބައްދަލުވިއަސް އެ ޖެހުނީ ގަނޑަކަށް އަރާށެވެ. ހެޑްސެޓު ޖަހައިގެން ގިނަ ބަޔަކު އެ ގޭމް ކުޅޭއިރު އަނެއް ބަޔަކު ގޭމް ކުޅޭއިރު ހީވާނީ ހަނގުރާމައިގެ މައިދާނުގައި އުޅޭ ހެނެވެ.

މި ގޭމަށް ޒުވާނުން ދެވި ހިފާފައިވާ މިންވަރުން ދުނިޔޭގެ ބައެއް ގައުމުތަކުން ދަނީ އެކަމާމެދު ސަމާލުވަމުންނެވެ. އެކަމުގެ ސީރިއަސްކަން ބޮޑުވެ އަވަށްޓެރި އިންޑިއާގެ ބައެއް ސަރަހައްދުތަކުގައި ވެސް ވަނީ އެ ގޭމް ކުޅުން މަނާކޮށްފައެވެ.

ކޮންމެއަކަސް އެފަދަ ވާހަކައެކެވެ. ޕަބްޖީ ކުޅުމަށް ގޮސް ހުސްވެފައިވާ އަނބިމީހާ ގާތު އެ ގޭމް ކުޅުން ހުއްޓާލަން ބުނުމުން ވަރިވާން އެދުނު ވާހަކައެއް މިވަނީ މީޑިއާއަށް ފެންމަތިވެފައެވެ.

އެކުވެރި އަރަބް އެމިރޭޓްސްގެ އަޖްމަންގައި ހިނގި އެ ހާދިސާގެ މައުލޫމާތު ދެމުން އަޖްމަން ފުލުހުންގެ ޑިރެކްޓަރު އޮފް ސޯޝަލް ސެންޓަރ ކެޕްޓަން ވަފާ ހަލީލް އަލް ހުސޭނީ ވިދާޅުވީ، އިނދެގެން އުޅޭ ދެ މީހެއްގެ އެ މައްސަލައަކީ ގޭމްއަކާ ގުޅިގެން އެ ސެންޓަރަށް ހުށަހެޅުނު އެންމެ އާދަޔާ ހިލާފު މައްސަލަ ކަމަށެވެ.

އެގޮތުން އުމުރުން ވިއްސަކަށް އަހަރުގެ އަރަބި އަންހެނަކު ފުލުހަށް ގޮސް ވަރިވާން ހުށަހެޅި ސަބަބެއް ކަމަށް ބުނެފައިވަނީ، އޭނާ މުނިފޫހިފިލުވުމަށް ކުރަން ބޭނުންވާ ކަމެއް ކުރުމުގެ ހައްގަށް ފިރިމީހާ އަރައިގެންފައިވާ ކަމަށެވެ.

އަދި ޕަބްޖީއަކީ އޭނާއަށް އެ ގޭމުން އަރާމާއި ހިތްހަމަޖެހުން ލިބޭ ގޭމެއް ކަމަށް އެ އަންހެން މީހާ ބުނެފައިވެއެވެ.

“އަހަރެން ގޭމް ކުޅެމުންދިޔައީ ލިމިޓްތަކުގެ ތެރެއިން. އަހަރެން ނުދަންނަ މީހުންނާ ވާހަކަދައްކަން ޗެޓް އޮޕްޝަން ވެސް އެކްޓިވޭޓެއް ނުކުރަން. އަހަރެން ގޭމް ކުޅެނީ ރައްޓެހިންނާއި ގާތްތިމާގެ މީހުންނާއެކު،” އަންހެން މީހާ ފުލުހަށް ހުށަހެޅި ޝަކުވާގައި ބުނެފައިވެއެވެ.

އަންހެން މީހާ އިތުރަށް ބުނެފައިވަނީ، އެ ގޭމަށް އޭނާ ދެވިހިފައި، ގެއާއި އާއިލާއަށް އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގައި ފަރުވާ ކުޑަކޮށްފާނެ ކަމަށް ފިރިމީހާ ގަބޫލުކުރާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އަންހެން މީހާގެ ފިރިމީހާ ބުނީ، އަނބިމީހާގެ ހައްގަކަށް އޭނާ އަރައި ނުގަންނަ ކަމަށާއި ނަމަވެސް ގޭމް ކުޅެން މަނާކުރީ އާއިލާ އެކުގައި ބޭއްވުމަށް ކަމަށެވެ. އަދި ގޭމް ކުޅެން ހުއްޓާލަން ބުނެގެން ވަރިވާން އެދޭނެ ކަމަށް ހީނުކުރާ ކަމަށް ފިރިހެން މީހާ ބުނެފައިވެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©