Fri, 5 June, 2020, 12:58 am
އުފަންވިއިރު ވެސް ދެ އަތެއް ނެތް، އެކަމަކު މިއީ ލިޔުންތެރިކަމުގެ މުބާރާތުގެ އެއްވަނަ!
18

(ސީއެންއެން) – ނުކުޅެދުންތެރިކަމެއް ހުންނަ ކޮންމެ މީހަކީ މުޖުތަމައު ތެރޭގައި ބާކީ ކޮށްލަންޖެހޭ މީހެއް ނޫނެވެ. އޭގެ ބައެއް މީހުންނަކީ ނުކުޅެދުންތެރިކަން ހުރި ނަމަވެސް ކުޅެދޭ މީހުންނަށް ވެސް ކުޅަދާނެ މީހުންނެވެ. ހާއްސަ ހުނަރެއް ލިބިފައިތިބި އެފަދަ މީހުން ވެސް މަދެއް ނޫނެވެ.

އެގޮތުން އެފަދަ ވާހަކައެކެވެ. އުފަންވި އިރުވެސް ދެ އަތް ނެތް އުމުރުން 10 އަހަރުގެ ކުއްޖަކު، ގައުމީ ލިޔުންތެރިކަމުގެ މުބާރާތުން އެއްވަނަ ހޯދައި އެތައް ބަޔަކު މިވަނީ ހައިރާން ކޮށްލައިފައެވެ.

ދެއަތް ދޭތެރެއަށް ފަންސޫރު ނުވަތަ ގަލަން ލައިގެން ލިޔެ އުޅޭ ސާރާ ހިންސްލީ ވަނީ، މިއަހަރުގެ ޒޭނާ ބްލޮސާ ނޭޝަނަލް ހޭޑްރައިޓިން މުބާރާތުގެ ނިކޮލަސް މެކްސިމް އެވޯޑް ހޯދައިފައެވެ. އަދި ސާރާ އަކީ އެ އެވޯޑް ހާސިލްކުރި ފުރަތަމަ ކުއްޖާއެވެ.

ނިކޮލަސް މެކްސިމް އެވޯޑަަކީ ވިސްނުމުގައާއި ދެނެގަތުމުގައި ލަސްތަކެއް ހުރުން ނުވަތަ ޖިސްމާނީ ނުކުޅެދުންތެރިކަމެއް ހުންނަ ކުދިން ވާދަކުރާ އެވޯޑެކެވެ. އަދި އެ އެވޯޑުގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބަވާނީ އޮކިއުޕޭޝަނަލް ތެރަޕިސްޓުންނެވެ.

“އަހަރެން ވަރަށް އުފާވެ އަދި ފަހުރުވެރިވޭ،” މެރީލޭންޑްގައި ހުންނަ ސްކޫލެއްގެ ގްރޭޑް ތިނެއްގައި ކިޔަވަމުންދާ ސާރާ ބުނެފައިވެއެވެ.

ޗައިނާއަށް އުފަން ސާރާއަކީ އޭނާގެ އުމުރުން ހަ އަހަރުގައި ހިންސްލީ އާއިލާއިން އެޑޮޕްޓް ކޮށްފައިވާ ކުއްޖެކެވެ. އަދި އެމެރިކާއަށް ސާރާ ބަދަލުވިއިރު، އޭނާއަށް ލިޔެ ވާހަކަދައްކަން އެނގެނީ ހަމައެކަނި މެންޑަރިން ޗައިނީސް ބަހުންނެވެ. ނަމަވެސް ސާރާގެ ދައްތަ ވެރޮނިކާގެ ފަރާތުން އޭނާ މިހާރު ވަނީ އިނގިރޭސި ދަސްކޮށްފައެވެ.

“ސާރާ އަކީ ވަރަށް ހިތްވަރުގަދަ އަދި އަހުލާގު ރަނގަޅު ކުއްޖެއް. ސާރާ ކުރާ ކޮންމެ ކަމެއް ވެސް ވަރަށް ފުރިހަމައަށް ކުރެވޭތޯ މަސައްކަތް ކުރާނެ،” ސާރާގެ މަންމަ ކެތްރީން ހިންސްލީ ބުނެފައިވެއެވެ.

ސާރާ ކިޔަވަމުންދާ ސްކޫލްގެ ޕްރިންސިޕަލް ކަރެން ސްމިތް ބުނާ ގޮތުގައި، ސާރާއަކީ އަބަދުވެސް ހިނިތުންވެފައި ހުންނަ، ކަމެއް ދިމާވި ނަމަވެސް ކަރު އެލުވާލަން ބޭނުން ނުވާ ކުއްޖެކެވެ. އަދި ހަވާލުކުރާ ކޮންމެ މަސައްކަތެއް ވެސް ކުރެވޭނީ ކިހިނެތްތޯ ބަލައި އެންމެ ފުރިހަމައަށް ކުރެވޭތޯ އަބަދުވެސް ބަލާ ކަމަށް ބުނެފައިވެއެވެ.

އާޓަށް ލޯބިކުރާ އަދި އަކުރުތައް ގުޅުވާލައިގެން ލިޔުމުގެ އާޓަށް މޮޅު ސާރާގެ އުއްމީދަކީ ވެސް އޭނާގެ ވާހަކައިން ހިތްވަރު ލިބިގެން އޭނާ ކަހަލަ ނުކުޅެދުންތެރިކަން ހުންނަ ކުދިން މަސައްކަތް ކުރުމެވެ.

“އަހަރެން ފަހުރުވެރިވޭ އަދި އަހަރެންގެ އުއްމީދަކީ ގޮންޖެހުންތައް ހުރި ކުދިންވެސް އަހަރެންގެ ފަރާތުން ދަސްކުރުން. ތިމާ ބުރަކޮށް މަސައްކަތް ކޮށްފިނަމަ ވާނެކަން،” ބައިސްކަލް ދުއްވުމާއި ފޮތް ކިއުމުގެ އިތުރުން ފަތަން ލޯބިކުރާ ސާރާ ބުނެފައިވެއެވެ.

Leave a comment

Your email address will not be published.