މުޙައްމަދު އީމާން
13 May 2019
މަޤްބޫލު ޙަބަރު

އަވަށްޓެރި ސްރީ ލަންކާގެ މިސްކިތްތަކަށާއި މުސްލިމުންގެ ވިޔަފާރިތަކަށާއި ގެދޮރަށް އަމާޒުކޮށް ހަމަލާދިނުން އިތުރުވާން ފަށައިފިއެވެ.

މިސްކިތްތަކަށާއި، މުސްލިމުންގެ ފިހާރަތަކަށް ބޮޑެތި ގެއްލުންތައް ދޭން ފެށުމާ ގުޅިގެން ސްރީލަންކާގެ ހުޅަނގުގެ ކުރުނެގަލަ ޑިސްޓްރިކްޓްގެ ގިނަ އަވަށްތަކެއްގައި މިހާރުވަނީ ކާފިއު އިއުލާންކޮށްފައެވެ.

ލަންކާގެ ފުުލުުހުންނާއި ހަވާލާދީ އެގައުމުގެ މީޑިޔާތަކުން ރިޕޯޓްކުރާ ގޮތުގައި މިރޭ ނުވަޔަކުން ފެށިގެން މާދަމާ ފަތިހު ހަތަރެއް ޖަހަންދެން އެގައުމުގައި ކާފިޔު ހިންގާނެއެވެ.

މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ހަމަނުޖެހުންތައް ފެށުނީ ކްރިސްޓިއަންގެ މެޖޯރިޓީ އޮންނަ ޗިލާއޯގައި އުޅޭ މުސްލިމު ވިޔަފާރިވެރިއަކު ފޭސްބުކްގައި ހިއްސާކުރި ޕޯސްޓަކާ ގުޅިގެންނެވެ. އެ ޕޯސްޓުގައި އޭނާ ޖަހާފައިވަނީ، “ގިނައިން ނުހޭށޭ. އެއް ދުވަހުން ރޯންޖެހިދާނެއެވެ.” މިހެންނެވެ.

ނަމަވެސް އަވަށުގައި އުޅޭ ކްރިސްޓިއަނުން ބުނާގޮތުގައި އެ ޕޯސްޓަކީ ހަމަލާއެއް ދީފާނެ ކަމުގެ އިންޒާރެކެވެ. އެގޮތުން ކްރިސްޓިއަން ގުރޫޕްތަކުން ދަނީ މިސްކިތްތަކަށާއި މުސްލިމުން ހިންގާ ފިހާރަތަކަށް ގާ އުކާ ގެއްލުން ދެމުންނެވެ.

އެ ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ލަންކާގެ ފުލުހުން ހަރަކާތްތެރިވަމުންދާއިރު، ހަމަނުޖެހުން ވަނީ އިތުރު އަވަށްތަކަށް މިހާރު ފެތުރިފައެވެ.

އީސްޓަރ ސަންޑޭގައި ސްރީލަންކާއަށް ދެވުނު ބޮމުގެ ހަމަލާތަކަށްފަހު، މިސްކިތްތަކަށާއި، މުސްލިމުންގެ ވިޔަފާރިއާއި، ގެދޮރާއި އަދި މުސްލިމުންނަށްވެސް ހަމަލާތައް ދިނުމާއި، ފުރައްސާރައާއި ޖެއްސުން ކުރުމުގެ އަމަލުތައް ހިންގަމުން ގެންދާ ކަމަށް ބުނެ އެތައް މުސްލިމުން އެކަމުގެ ޝަކުވާ ކުރަމުންދާ ކަމަށް މުސްލިމް ކައުންސިލް އޮފް ސްރީލަންކާއިން ބުނެފައި ވެއެވެ.

ލަންކާގެ މުސްލިމުންނާ ދެކޮޅަށް މިހާރު ހިންގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ލަންކާގައި މިއަދު ހެނދުނުން ފަށައިގެންވަނީ ސޯޝަލް މީޑިއާ ނެޓްވޯކްތަކާއި ފޭސްބުކްއާއި ވަޓްސްއެޕް ފަދަ މެސެޖިން އެޕްތައް ވެސް ބްލޮކްކޮށްލާފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©