މުޙައްމަދު އީމާން
14 May 2019
މަޤްބޫލު ޙަބަރު

ކޮލަމްބޯ: އަވަށްޓެރި ސްރީ ލަންކާގައި މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ހަމަނުޖެހުންތަކުގައި މުސްލިމަކު މަރާލައިފިއެވެ. މިއީ ހަމަނުޖެހުން އިއްޔެ ފެށިފަހުން މަރާލި ފުރަތަމަ މީހާއެވެ.

ފުލުހުންގެ އޮފިޝަލަކާ ހަވާލާދީ އޭއެފްޕީގައި ރިޕޯޓް ކޮށްފައިވާގޮތުގައި، 45 އަހަރުގެ އެ މީހާގެ މަރާލާފައިވަނީ އޭނާގެ ވަޑާންކުރާ ވޯކްޝޮޕް ތެރެއަށް ބަޔަކު ވަދެ ތޫނު އެއްޗަކުން ހަމަލާދީގެންނެވެ.

ރިޕޯޓްތައް ބުނާގޮތުން، އޭނާ މަރުވީ ހަމަލާއަށްފަހު ފަރުވާއަށް ޕުއްތަލަމް ޑިސްޓްރިކްޓުގައި ހުރި ހޮސްޕިޓަލަކަށް ގެންދިޔަތާ ކުޑަ އިރުކޮޅެއްގެ ތެރޭގައެވެ.

މުސްލިމަކު މަރާލާފައި މިވަނީ، ހަމަނުޖެހުންތަކާ ގުޅިގެން މިރޭ ނުވަޔަކުން ފެށިގެން މާދަމާ ފަތިހު ހަތަރެއް ޖަހަންދެން އެގައުމުގައި ކާފިޔު އިއުލާންކޮށް، ހަމަނުޖެހުން ހިންގަން އުޅޭ މީހުންނާ ދެކޮޅަށް ފުރިހަމަ ބާރު ބޭނުންކުރުމަށް އެގައުމުގެ ފުލުހުންނަށް އަންގާފައިވަނިކޮށެވެ.

އެގޮތުން ފުލުހުންގެ ޗީފް ޗަންދަނަ ވިކްރަމަރަތްނެ ރޭ ޓީވީއަކަށް ދިން އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ، ހަމަނުޖެހުން ހިންގާ މީހުންނާމެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށާއި ފުލުހުންނަށް ފިޔަވަޅު އެޅުމުގެ ފުރިހަމަ ބާރު ދީފައިވާނެ ކަމަށެވެ.

އޭނާ އެހެން ވިދާޅުވީ، ކްރިސްޓިއަން ގުރޫޕަކުން މުސްލިމުން ހިންގާ ފިހާރަތަކާއި ވެހިކަލްތަކަށް ގެއްލުންދީ ރޯކުރާ ހާދިސާތައް އިތުރުވުމާ ގުޅިގެންނެވެ. އޭގެ އިތުރުން މިސްކިތްތަކަށާއި މުސްލިމުންގެ ގެދޮރަށް ގުރޫޕްތަކުން ދަނީ ގެއްލުން ދެމުންނެވެ.

Leave a Reply

Your email address will not be published.

haftha.mv ©