މުޙައްމަދު އިބްރާހިމް
23 May 2019
މަޤްބޫލު ޙަބަރު

ޕުތްރަޖާޔާ: މެލޭޝިއާގައި ދިރިއުޅޭ ފަލަސްތީން ދަރިވަރުންނަށް މެލޭޝިއާގެ ޔުނިވާސިޓީތަކުން ސްކޮލަޝިޕް ފުރުސަތުތަކެއް ފަހިކޮށްދޭން އެގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

މެލޭޝިއާގެ ބޮޑުވަޒީރު ޑރ. މަހާތީރު މުހައްމަދު އެކަން އިއުލާންކުރެއްވީ މެލޭޝިއާގައި ދިރިއުޅޭ ފަލަސްތީން ރައްޔިތުންނަށް އިއްޔެ ދެއްވި ރޯދަ ވީއްލުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މަހާތީރު ވިދާޅުވީ، 11.47 މިލިއަން މެލޭޝިއަން ރިންގިޓް (2.74 މިލިއަން އެމެރިކާ ޑޮލަރު)ގެ އެ ސްކޮލަޝިޕްގެ ދަށުން ފަލަސްތީން ދަރިވަރުންނަށް ބެޗްލާސް، މާސްޓާސް އަދި ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

“މެލޭޝިއާގެ ސަރުކާރުން ވަނީ، ފަލަސްތީނިއަން ކަލްޗަރަލް އޯގަނައިޒޭޝަން މެލޭޝިއާ (ޕީކޮމް)ގެ ދަށުން ފަލަސްތީން ދަރިވަރުންނަށް ހެދުމަށް މެލޭޝިއާގެ 12 ޔުނިވާސިޓީއަކުން ސްކޮލަޝިޕް ފުރުސަތުތައް ފަހިކޮށްދޭން ނިންމާފައި،” މަހާތީރު ވިދާޅުވިއެވެ.

އަދި އެ ސްކޮލަޝިޕްތަކަށް ފަންޑު ކުރާނީ ޔުނިވާސިޓީތަކުން ހޯދާ ފައިސާއިން ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ޑރ. މަހާތީރު ވަނީ ފަލަސްތީނަށް އިންސާފު ނުލިބޭހާ ހިނދަކު، މެދުއިރުމަތީގައި އަބަދުވެސް ހަމަނުޖެހުމާއި ޓެރަރިޒަމް އާއި އަތްގަދަކުރުން ހިނގަމުންދާނެ ކަމަށާއި އަދި އެކަން މުޅި ދުނިޔެއަށް ފެތުރިގެންދާނެ ކަމުގެ އިންޒާރު ދެއްވައިފައެވެ.

އަދި ފަލަސްތީން ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ގެންގުޅޭ އަނިޔާވެރިކަމާއި ނާއިންސާފު ބަލަން އަބަދަކު މަޑުން ނުތިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

“ފަލަސްތީން ރައްޔިތުންނާމެދު އިސްރާއީލުން ގެންގުޅޭ ހަރުކަށި ކަމާއި އަނިޔާވެރިކަން މެލޭޝިއާއިން އަބަދުވެސް ކުށްވެރިކުރާނަން،” މަހާތީރު ވިދާޅުވެފައިވެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©