Sun, 23 February, 2020, 2:53 pm
އިނގިރޭސި ބޮޑުވަޒީރު އިސްތިއުފާ ދެއްވަން ނިންމަވައިފި

އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވަން ނިންމަވާފައިވާ ކަމަށް ތެރީސާ މޭ އިއުލާން ކުރައްވައިފިއެވެ.

މޭ އެކަން އިއުލާން ކުރައްވާފައިމިވަނީ، އިނގިރޭސި ވިލާތް، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވަކިވުމަށް 23 ޖޫން 2016 ގައި ނެގި ވޯޓާ ގުޅިގެން ދިމާވި ކަންތައްތައް ހައްލު ނުކުރެވި، ދިގުލައިގެން ގޮސްފައިވާ ވަނިކޮށެވެ.

އަދި މޭގެ މި ނިންމުން ނިންމަވާފައި މިވަނީ ބްރެކްސިޓްގެ މައްސަލައާ ގުޅިގެން އެކަމަނާ އިސްތިއުފާ ނުދެއްވައިފިނަމަ އިތުބާރު ނެތްކަމުގެ އިތުރު ވޯޓެއް ނަގަން ތައްޔާރުވަމުން ދިޔަ ބެކްބެންޗް ޓޯރީ 1922 ކޮމެޓީގެ ޗެއާ ގްރަހަމް ބްރޭޑީއާއެކު ބޭއްވި ބައްދަލުވުމަކަށްފަހުއެވެ.

ލަންޑަނުގައި ހުންނަ އިނގިރޭސި ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު، ޑައުނިން ސްޓްރީޓްގެ ބޭރުގައި ހުރެ އިސްތިއުފާ ދެއްވަން ނިންމެވިކަން އިއުލާންކުރައްވާ ދެއްވި އަސަރުން ފުރިގެން ހިތާބުގައި މޭ ވިދާޅުވީ، އިނގިރޭސިވިލާތް ވަކިވުމުގެ މައްސަލަ ހައްލުކުރުމަށް އެކަމަނާގެ ލަޔާގަތު ދަންދިން އެންމެ މަތީ ދަރަޖައަކަށް މަސައްކަތް ކުރެއްވި ކަމަށެވެ.

ނަމަވެސް އެކަން ނުވުމަކީ އެކަމާ އެކަމަނާ ނުހަނު ހިތާމަ ކުރައްވާ ކަމެއް ކަމަށް ވިދާޅުވެފައިވެއެވެ. އަދި ވިދާޅުވީ، އިނގިރޭސި ވިލާތުގެ ދެވަނަ އަންހެން ބޮޑުވަޒީރުކަމުގެ މަގާމު ފުރުއްވުމަކީ އޭނާގެ ހަޔާތުގައި ލިބުނު ޝަރަފެއް ކަމަށެވެ.

ބޮޑުވަޒީރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާނެކަމަށް މޭ މިއަދު އިއުލާން ކުރެއްވި ނަމަވެސް މަގާމުން ރަސްމީކޮށް އިސްތިއުފާ ދެއްވާނީ އަންނަ މަހުގެ ހަތް ވަނަ ދުވަހުއެވެ.

އެގޮތުން ގައުމުގެ މަސްލަހަތަށް އިސްކަންދޭނެ އާ ބޮޑުވަޒީރަކު އިންތިހާބު ކުރެވެންދެން ބޮޑުވަޒީރުކަމުގެ މަގާމުގައި މޭ ހުންނަވާނެއެވެ. އަދި އަންނަ މަހުގެ ކުރީކޮޅު އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަމްޕް އިނގިރޭސި ވިލާތަށް ފުރަތަމަ ރަސްމީ ދަތުރުފުޅު ކުރައްވާއިރު ވެސް މޭ ހުންނަވާނީ ބޮޑުވަޒީރުކަމުގެ މަގާމުގައެވެ.

Leave a comment

Your email address will not be published.