މުޙައްމަދު އީމާން
26 May 2019
މަޤްބޫލު ޙަބަރު

ބައިޖިންގް (އޭއެފްޕީ) – ޗައިނާގެ ހުޅަނގު ދެކުނުގައި އޮންނަ ޖަންގަައްޔަކުން ފުރަތަމަ ފަހަރަށް އެއްކޮށް ހުދު ނުވަތަ އެލްބީނޯ ޖަޔަންޓް ޕެންޑާއެއް ފެނިއްޖެއެވެ.

ޗައިނާގެ ނިއުސް ސާވިސްއާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އެލްބީނޯ ޕެންޑާ ފެނިފައިވަނީ މިދިޔަ މަހުގެ ތެރޭގައި ޗައިނާގެ ސިޗުއާން ޕްރޮވިންސްގައި އޮންނަ ވޮލޮންގް ނޭޝަނަލް ނޭޗާ ރިޒާވްގައި ހަރުކޮށްފައިހުރި މޯޝަން އެކްޓިވޭޓެޓް ކެމެރާއަކަށެވެ.

ޕެކިން ޔުނިވާސިޓީގައި ސާރިދޯޅު ދިރާސާ ކުރާ ދިރާސާކުރުންތެރިއެއް ކަމަށްވާ ލެއި ޝެންގް ވިދާޅުވެފައިވާ ގޮތުގައި، ކެމެރާއަށް އަރާފައިވާ ޕެންޑާގެ ގައި އެއްކޮށް ހުދުވުމުގެ އިތުރުން ލޯވެސް ރަތް ކަމަށެވެ. އަދި އެލްބީނޯ އެ ޕެންޑާއަކީ އެއް އަހަރާއި ދެ އަހަރުގެ އެއްޗެއް ކަމަށް އޭނާ ވިދާޅުވިއެވެ.

“މިއީ އެއްކޮށް އެލްބީނޯ ޖަޔަންޓް ޕެންޑާއެއް ކެމެރާއަކަށް އެރި ފުރަތަމަ ފަހަރު. އެކަމުން މި ދައްކައިދެނީ ޖަޔަންޓް ޕެންޑާގެ އާބާދީގައި ވެސް ޖީން މިއުޓޭޝަން އުޅޭކަން،” ލީ ޝެންގް ވިދާޅުވެފައިވެއެވެ.

ނަމަވެސް އެ ޕެންޑާ ފެނުނު ވޮލޮންގް ނޭޝަނަލް ނޭޗާ ރިޒާވުން ބުނާގޮތުގައި، އެ ޕެންޑާގެ އިތުރު އެއްވެސް ތަފްސީލެއް އަދި ނުލިބެއެވެ.

ދުނިޔޭގެ ޖަންގަލިތަކުގައި އުޅޭ ޕެންޑާތަކުގެ 80 ޕަސެންޓް ސިޗުއާން ޕްރޮވިންސްގައި އުޅޭ ކަމަށް ބެލެވޭއިރު، ދެން ޕެންޑާ އުޅެނީ ޝާންޒީ އަދި ގަންސޫ ޕްރޮވިންސްގައެވެ. ނަމަވެސް ވޯލްޑް ވައިލްޑްލައިފް ފަންޑުން ބުނާގޮތުގައި ޖަންގަލިތަކުގައި އުޅޭނެ ކަމަށް މިހާރު ލަފާ ކުރެވެނީ ގާތްގަނޑަކަށް 2000 ޕެންޑާއެވެ.

އަދި މިދިޔަ ނޮވެމްބަރާ ހަމައަށް ދުނިޔޭގެ އެކި ހިސާބުތަކުގައި ގާތްގަނޑަކަށް 548 ޖަޔަންޓް ޕެންޑާ ބަންދުކޮށްގެން ގެންގުޅޭ ކަމަށް ޒިންހުއާގައި ބުނެފައިވެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©