މުޙައްމަދު އީމާން
31 May 2019
މަޤްބޫލު ޙަބަރު

ފަލަސްތީން ރައްޔިތުންގެ ބިމަށް ވެރިވެގެންފައިވާ ޔަހޫދީ އިސްރާއީލުން ހިންގާ ރަހުމުކުޑަ އަމަލުތަކަށް ހުއްޓުމެއް ނެތެވެ. ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނަށް އަމާޒުކޮށް ކޮންމެ ދުވަހަކު ދެމުންދާ ހަމަލާތައް ދަނީ އިތުރުވަމުންނެވެ. ކުށެއް ނެތް ފަލަސްތީން ރައްޔިތެއްގެ ލޭ އޮހޮރާނުލާ ދުވަހެއް ނުދެއެވެ.

މިދިޔަ އަހަރަށް އެކަނި ބެލިކަމުގައި ވިޔަސް، އިސްރާއީލު ސިފައިންގެ ހަމަލާތަކުގައި ގާތްގަނޑަކަށް 300 ފަލަސްތީން ރައްޔިތުން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެ ތެރޭގައި ކުޑަކުދިންނާއި ސިއްހީ އޮފިސަރުން ވެސް ހިމެނޭއިރު، ހަމަލާތަކުގައި 29000 މީހުންނަށް ވަނީ އަނިޔާވެފައެވެ. އޭގެތެރެއިން 111 މީހުން ވަނީ ނުކުޅެދޭ ހާލުގައެވެ.

އަދި މިދިޔަ ދެ މަސް ތެރޭގައި އެކަނި ވެސް އިސްރާއީލުން ވަނީ ފަލަސްތީނުގެ 110 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފައެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުން އެ އަދަދު އިތުރެވެ.

މިއަދަކީ ވެސް އިސްރާއީލުގެ އަނިޔާވެރިކަމުގެ އާ ދުވަހެކެވެ. ބަރަކާތްތެރި ރަމަޟާން މަހުގެ ފަހު ހުކުރު ނަމާދަށް އެތައް ބަޔަކު މަސްޖިދުލް އަގްސާއަށް ޖަމާވަމުންދިޔަ ވަގުތުގައި އެ މިސްކިތަށް ހުކުރަށް ދިޔަ ކުޑަކުއްޖެއްގެ ގަޔަށް ވަނީ ބަޑިޖަހައި ޝަހީދުކޮށްލައިފައެވެ.

އެއީ އެންމެ 16 އަހަރުގެ ކުއްޖެކެވެ. ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނާގޮތުގައި، އިސްރާއީލުން ދިން ބަޑީގެ ހަމަލާވަނީ އޭނާގެ ފުންޕާމޭ ތޮރުފާލުމަށްފަހު ހިތަށް އަރައިފައެވެ. އެ ކުއްޖާގެ އޮތީ ކޮން ކުށެއްތޯއެވެ؟ މުސްލިމް ފަލަސްތީނަކަށް ވުންތޯއެވެ.

ހިބްރޮންއަށް އުފަން އަބްދުﷲ ގެއިތް ނަމަކަށް ކިޔާ އެ ކުއްޖާގެ ކަށުނަމާދަށް އޭނާގެ ހަށިގަނޑު މިހާރު ހިބްރޮންއަށް ގެންގޮސްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ނަމަވެސް އެ ފުރާނަ ނެތް ހަށިގަނޑަށް އެކުއްޖާގެ ބައްޕަ ބޮސްދީ ކުރާ ހިތާމަ ފެނިފައި ލަގޮނޑިއަކަށް ކެތެއް ނުވާނެއެވެ.

ގުދުސް ނިއުސް ނެޓްވޯކްގެ ސޯޝަލް މީޑިއާއަށް ހިއްސާކޮށްފައިވާ އެ ވީޑިއޯގައި ފެންނަނީ ޝަހީދުކޮށްލި ކުއްޖާގެ ބައްޕަ، އޭނާގެ ދަރިފުޅަށް އެންމެ ފަހުގެ ބޮސްދޭ މަންޒަރެވެ. ކަރުނަ އަޅާ ހާލުގައި އޭނާ ބުނެއެވެ.

“އަހަރެންގެ ދަރިފުޅު 16 އަހަރު ވަންދެން ބަލާބޮޑުކުރީ އެމީހުން ހިދުކޮޅެއްގެ ތެރޭގައި އެކުއްޖާ ގެންދަންތަ؟”

މިއީ ފަލަސްތީނުގެ ކޮންމެ މަޔަކާއި ބަފަޔަކު އަދި ކޮންމެ ރައްޔިތެއްގެ ހިތު ތެރޭގައި އޮންނަ ބިރުވެރިކަމެވެ. ލޯބިވާ ދަރިފުޅު ނުވަތަ އާއިލާ މެންބަރަކު ޝަހީދުކޮށްލާނީ ކޮން ދުވަހަކު ކަމެއް ނޭނގޭނެއެވެ. މުޅި އާއިލާއެކުގައި ގޮސްފައިވާ ހާދިސާތައް ވެސް މަދެއް ނޫނެވެ.

އިސްރާއީލުން މިއަދު ކުޑަ ކުއްޖަކު ޒަހަމް ކޮށްލާފައިވާއިރު މިއަދުގެ ހުކުރު ނަމާދަށް ދިޔަ 21 އަހަރުގެ ޒުވާނެއްގެ ގަޔަށް ވެސް އިސްރާއީލުގެ ސިފައިން ވަނީ ބަޑިޖަހާ ޒަހަމްކޮށްލައިފައެވެ. އޭނާގެ ބަނޑަށް ވަޒަން އަމާޒުކުރިއިރު، ސާޖަރީއެއް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©