މުޙައްމަދު އީމާން
01 June 2019
މަޤްބޫލު ޙަބަރު

މައްކާ/ ސައުދި އަރަބިއާ (އޭއެފްޕީ) – ގުދުސްއަކީ އިޒްރޭލުގެ ވެރިރަށް ކަމަށް ބަލައިގަނެ، ތެލް އަވީވުގައި ހުރި އެމްބަސީ ގުދުސްއަށް ބަދަލުކުރަން އެމެރިކާއިން ނިންމި ނިންމުމަށް އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ސައުދީ އަރަބިއާއިން އިސްނަގައިގެން މައްކާގައި އިއްޔެ ފެށި އޯއައިސީގެ 14 ވަނަ ސަމިޓުގެ މިއަދުގެ ބައްދަލުވުމުގައި އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ވަނީ، ގުދުސްއަށް އެމްބަސީ ބަދަލުކުރަން ނިންމާފައިވާ އެމެރިކާ އާއި ގުއަޓެމާލާގެ އެ ނިންމުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

އަދި ގުދުސްގައި ޑިޕްލޮމެޓިކް މިޝަންތައް ހުޅުވަން ނިންމި ގައުމުތައް “ބޮއިކޮޓް” ކުރަން އޯއައިސީގެ 57 މެންބަރު ގައުމަށް އެ ޖަމިއްޔާގެ ބަޔާނުގައި ވަނީ ގޮވާލައްވައިފައެވެ.

ރިޔާސީ އިންތިޚާބުގެ ތެރޭގައި ޓްރަމްޕް ވައުދުވެވަޑައިގެންނެވި ގޮތަށް ތެލް އަވީވްގައި ހުރި އެމެރިކާގެ  އެމްބަސީ ގުދުސް އަށް ބަދަލުކުރަން ނިންމީ 2017 ވަނަ އަަހަރުގެ ޑިސެމްބަރު މަހުގައެވެ. އަދި ޖެހިގެން އައި އަހަރުގެ މެއި މަހު ގުދުސްގައި ވަނީ އެމެރިކާގެ އެމްބަސީ ހުޅުވައިފައެވެ.

އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް އެމެރިކާ އިން ބަލައިގަންނަން ނިންމީ، އެކަން ނުކުރުމަށް އަރަބި ދުނިޔޭގެ ވަރަށް ގިނަ ލީޑަރުންނާއި ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގެ ވެރިން ވެސް ރައީސް ޓްރަމްޕަށް ދަންނަވާފައި ވަނިކޮށެވެ.

އެގޮތުން ސައުދީ އަރަބިއާގެ ރަސްގެފާން ސަލްމާން ބިން އަބްދުލް އަޒީޒް ވަނީ ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމަށް އެމެރިކާ އިން ނިންމައިފިނަމަ މުޅި އަރަބި ދުނިޔޭގެ ރުޅިވެރިކަން އެމެރިކާއަށް އަމާޒުވެ އިތުރު ހަމަނުޖެހުންތައް އުފެދޭނެ ކަމަށް ޓްރަމްޕަށް ދަންނަވައިފައެވެ.

އަދި ގުދުސްގައި ހުންނަ މުސްލިމުންގެ މުގައްދަސް ތަންތަނުގެ ބެލެނިވެރި ފަރާތް ކަމަށްވާ އުރުދުންގެ ރަސްގެފާން އަބްދުﷲ ވެސް ވަނީ އެއީ ސުލްހައިގެ މަސައްކަތް ހުއްޓުމަކަށް ގެނެސް އިތުރު ހަމަނުޖެހުން އުފެދޭނެ ކަމެއް ކަމަށް ވިދާޅުވެފައެވެ.

ގުދުސްއަށް އެމްބަސީތައް ބަދަލުކުރި ގައުމުތައް ބޮއިކޮޓް ކުރަން ގޮވާލާ އޯއައިސީ އިން ބަޔާނެއްގައި ނެރެފައި މިވަނީ، އިޒްރޭލާއި ފަލަސްތީނާ ދެމެދު ސުލްހަ ގާއިމްކުރަން ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަމްޕުގެ ދަނބިދަރިކަން ޖާރެޑް ކުޝްނާގެ ޕްލޭނެއް މިމަހުގެ ފަހުކޮޅު އިއުލާން ކުރަން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.

“ގަރުނުގެ އެއްބަސްވުން”ގެ ގޮތުގައި ޓުރަމްޕް ސިފަކުރާ އެ ޕްލޭނަށް މިހާރުން ފެށިގެން ފަލަސްތީނުން ވަނީ ދެކޮޅު ހަދައިފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©