މުޙައްމަދު އިބްރާހިމް
02 June 2019
މަޤްބޫލު ޙަބަރު

އިސްރާއީލު ސިފައިންގެ ހިމާޔަތާއެކު ހާހަކަށްވުރެ ޔަހޫދީން މަސްޖިދުލް އަގްސާ ހިމެނޭ ސަރަހައްދަށް މިއަދު ވަދެގަތުމާއެކު އެކަމާ ނުރުހުން ފާޅުކުރި ފަލަސްތީން ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުގެ ސިފައިން ބާރުގެ ބޭނުންކޮށް އަނިޔާކޮށްފިއެވެ.

އިސްރާއީލުގެ ޔަހޫދީން މިއަދު އަގްސާ މިސްކިތަށް ވަނުމުގެ ހުއްދަ އިޒްރޭލު ސިފައިން ދީފައިވަނީ، އިރުމަތީ ގުުދުސް އިޒްރޭލުގެ ބާރުގެ ދަށަށް ގެނައުމަށް 1967 ވަނަ އަހަރު ކުރި ހަ ދުވަހުގެ އަރަބި-އިޒްރޭލު ހަނގުރާމައާ ގުޅިގެން ޖެރުސަލަމް ޑޭގެ ނަމުގައި ކޮންމެ އަހަރެގެ ޖޫން 1 އަދި 2 ގައި އިޒްރޭލުން ފާހަގަކުރާ ދުވަހަށެވެ.

މިއީ 30 އަހަރަށްފަހު ރަމަޟާން މަހުގެ ފަހު ދުވަސްތަކުގައި އިޒްރޭލުގެ ޔަހޫދީން އަލް އަގްސާ މިސްކިތް ހިމެނޭ ސަރަހައްދަށް ވަނުމުގެ ހުއްދަ ދިން ފުރަތަމަ ފަހަރެވެ.

ރިޕޯޓްތައް ބުނާގޮތުން، ފަލަސްތީން ރައްޔިތުންނާއި އިޒްރޭލުގެ ސިފައިންނާ ދެމެދު ކުރިމަތިލުންތަކެއް ފެށުނީ ހާހަކަށްވުރެ ގިނަ ޔަހޫދީން އަލް އަގްސާގެ ގޯތިތެރެއަށް ވަނުމުން، އެކަމާ ދެކޮޅަށް ފަލަސްތީން ރައްޔިތުން ނުރުހުން ފާޅުކުރަން ފެށުމުންނެވެ.

“ގާތްގަނޑަކަށް 1179 ޔަހޫދީ އެކްސްޓުރީމިސްޓުން މިއަދު ހެނދުނު ވަނީ އަގްސާ މިސްކިތުގެ ގޯތިތެރެއަށް ވަދެގަނެފައި. އަދި ބަރަކާތްތެރި ރަމަޟާން މަހުގެ ތެރޭގައި އެ މީހުން އެ ސަރަހައްދަށް ވަދެގަތީ އިސްރާއީލު ފުލުހުންގެ ހިމާޔަތާއެކު،” އަލް އަގްސާ މިސްކިތުގެ ޑިރެކްޓަރ އޮމަރު ކިސްވާނީ ވިދާޅުވެފައިވެއެވެ.

އެގޮތުން އަގްސާ ހިމެނޭ ސަރަހައްދުން ނަގާފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ޔަހޫދީން އަގްސާ މިސްކިތަށް ވަދެގަތުމުން ފަލަސްތީން ރައްޔިތުން ދިޔައީ “ﷲ އަކްބަރު” ކިޔަމުންނެވެ. އަދި ނުރުހުން ފާޅުކުރުމުގެ ގޮތުން ގޮނޑި އާއި އެހެނިހެން ތަކެތި އިޒްރޭލުގެ ސިފައިންނާ ދިމާލަށް އުކާތަން ފެނެއެވެ.

އެކަމާ ގުޅިގެން އިޒްރޭލުގެ ސިފައިން ވަނީ އަލް އަގްސާ މިސްކިތުގެ ގޯތި ތެރޭގައާއި މިސްކިތު ތެރޭގައި ނުރުހުން ފާޅުކުރަމުންދިޔަ ފަލަސްތީން ރައްޔިތުންނާ ދިމާލަށް ކަރުނަ ގޭހާއި ރަބަރު ބުލެޓް އަދި ސްޓަން ބޮމް ބޭނުންކޮށްފައެވެ.

އަދި ކުރިމަތިލުންތަކުގައި އަގް އަގްސާ މިސްކިތުގައި އަޅުކަމަށް ގޮސް އުޅުނު ތިން މީހަކާއި ގާޑަކު ހައްޔަރުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިއަދުގެ ހަމަނުޖެހުންތަކާ ގުޅިގެން ހަމާސް ޖަމާއަތުގެ ސީނިއާ ތަރުޖަމާން ސާމީ އަބޫ ޒުހްރީ ވިދާޅުވީ، އަޅުކަން ކުރަން ގޮސް ތިބި ފަލަސްތީން ރައްޔިތުންނަށް އިޒްރޭލު ސިފައިން އަނިޔާކުރި މައްސަލަ ކުށްވެރިކުރާ ކަމަށެވެ. އަދި މިއީ މާތް ބިނާތަކާ ދެކޮޅަށް އިޒްރޭލުން ގެންގުޅޭ ހަރުކަށި ގޮތްތައް އިތުރުވަމުންދާ ކަމުގެ ހެއްކެއް ކަމަށް ވިދާޅުވެފައިވެއެވެ.

އަލް އަގްސާ މިސްކިތުގެ ސަރަހައްދަކީ މުސްލިމުންނާއި ޔަހޫދީންނަށް ވެސް މާތް ތަނަކެވެ. އެގޮތުން އަގްސާ މިސްކިތުގެ ހަރިންމަ ހިމެނޭ ސަރަހައްދުގެ އިރުމަތީ ފަރާތުގައި ހުންނަ ޓެމްޕަލް މައުންޓަކީ ޔަހޫދީންގެ މުގައްދަސް ކަމަށް ދެކޭ ތަނެކެވެ. އަދި އަގްސާ މިސްކިތަކީ މުސްލިމުންގެ ތިން ވަނައަށް އެންމެ މުގައްދަސް ބިނާއެވެ.

ނަމަވެސް އަލް އަގްސާ މިސްކިތް ހުންނަ ގުދުސް އަކީ އިޒްރޭލުގެ ތަނެއްގެ ގޮތުގައި ބައިނަލްއަގުވާމީ މުޖްތަމައުން ބަލައިގެންފައެއް ނުވެއެވެ.

މެދުއިރުމައްޗަށް ސުލްހަ ހޯދުމާ ގުޅިފައިވާ އެންމެ މުހިންމު މައްސަލަ އަކީ ވެސް ގުދުސްގެ ކުރިމަގެވެ. އިޒްރޭލުން ވެސް އަދި ފަލަސްތީނުން ވެސް ބޭނުންވަނީ ވެރިރަށަކީ ގުދުސް ކަމަށް ހެދުމަށެވެ.

Leave a Reply

Your email address will not be published.

haftha.mv ©