މުޙައްމަދު އިބްރާހިމް
11 June 2019
މަޤްބޫލު ޙަބަރު

ނިއު ދެއްލީ: އދ.ގެ އިގްސާދީ އަދި އިޖްތިމާއީ ކައުންސިލްގައި ފަލަސްތީނުގެ އިންސާނީ ހައްގުތަކާ ބެހޭ ޖަމާއަތަކަށް އޮބްޒާވާގެ ދަރަޖަ ނުދިނުމަށް ނެގި ވޯޓެއްގައި އިންޑިއާއިން ފުރަތަމަ ފަހަރަށް އިޒްރޭލާ އެއްކޮޅަށް ވޯޓު ދީފިއެވެ.

މިއީ، ހުޅަނގު އޭޝިއާއަށް ސުލްހަ ގެނައުމަށް އިޒްރޭލާއި ފަލަސްތީނަކީ ވަކި ދެ ދައުލަތް ކަމަށް އަބަދުވެސް ވަކާލާތު ކުރަމުންދިޔަ އިންޑިއާއިން، ވަކިކޮޅަކަށް ބުރަވެ، އިޒްރޭލާ އެއްކޮޅަށް ވޯޓު ދިން ފުރަތަމަ ފަހަރެވެ.

އަދި މިއީ އޭޝިއާގެ ގައުމަކުން އިޒްރޭލާ އެއްކޮށް ވޯޓު ދިން ފުރަތަމަ ފަހަރެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފަލަސްތީނުގެ ޖަމާއަތެއް ކަމަށްވާ “ޝަހެދް” އަށް އޮބްޒާވާގެ ދަރަޖަ ދޭން ނުފެންނަ ކަމަށް ވޯޓު ދީފައިވަނީ އިންޑިއާގެ އިތުރުން އިޒްރޭލުގެ އެންމެ ގާތް އެކުވެރިޔާ، އެމެރިކާ، ފަރަންސޭސިވިލާތް، ޖަރުމަންވިލާތް، ޖަޕާން، އިނގިރޭސިވިލާތް، ދެކުނު ކޮރެއާ އަދި ކެނެޑާ ހިމެނޭ ގޮތަށް 28 ގައުމަކުންނެވެ.

އެ ޖަމިއްޔާއަށް ހުއްދަ ދޭން ފެންނަ ކަމަށް ވޯޓު ދިން ގައުމުތަކަކީ ޗައިނާ، ރަޝިއާ، އިރާން، މިސްރު، ސައުދި އަރަބިއާ، މޮރޮކޯ، ތުރުކީ ޔަމަންގެ އިތުރުން ސުދާން އަދި ޕާކިސްތާން ހިމެނިގެން 14 ގައުމެކެވެ.

އިންޑިއާގެ އެ ނިންމުމާ ގުޅިގެން އެގައުމުގައި ހުންނަ އިޒްރޭލު އެމްބަސީގެ ޑެޕިއުޓީ ޗީފް އޮފް މިޝަން މާޔާ ކަޑޯޝް ވަނީ އޭޝިއާ ގުރޫޕްގެ ތެރެއިން އިޒްރޭލާ އެއްކޮޅަށް ވޯޓު ދިން ފުރަތަމަ ގައުމަކީ އިންޑިއާކަން ފާހަގަކުރައްވާ ޝުކުރު އަދާކޮށް ޓުވީޓެއް ކުރައްވައިފައެވެ.

މާޔާ ކަޑޯޝް ތުހުމަތުކުރާ ގޮތުގައި ފަލަސްތީނުގެ “ޝަހެދް” ޖަމިއްޔާއަކީ ޓެރަރިސް ޖަމާއަތްތަކެއް ކަމަށް 1997 ވަނަ އަހަރު ކަނޑައަޅާފައިވާ ހިޒްބުﷲ އާއި ފަލަސްތީން އިސްލާމިކް ޖިހާދާ ގުޅުން އޮންނަ ޖަމާއަތެކެވެ.

އަދި އދ. ގައި މިދިޔަ ބުރާސްފަތި ދުވަހު އެ ޖަމާއަތާ ދެކޮޅަށް ނެގުނު ވޯޓާއެކު އަނިޔާދޭން މަސައްކަތްކުރާ ޓެރަރިސްޓް ޖަމާއަތްތަކާ ދެކޮޅަށް ގުޅިގެން މަސައްކަތްކުރެވޭނެ ކަމަށް ވިދާޅުވެފައިވެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©