މުޙައްމަދު އިބްރާހިމް
12 June 2019
މަޤްބޫލު ޙަބަރު

ތަރައްގީ ވެފައިވާ މި ޒަމާނުގައި ފޯނާ ނުލާ އުޅުން މިވަނީ ދަތިވެފައެވެ. އާއިލާ އާއި ލޯބިވެރިން އަދި ދެ ރައްޓެހިން ބައްދަލުވި ނަމަވެސް އެ ދޭތެރެއަށް ފޯނު ވަދެއެވެ. ނުވިތާކަށް ފާހާނާގައި ހޭދަކޮށްލާ އެކަނިވެރި މަދު ވަގުތުކޮޅުގައި ވެސް މިއަދު ބައިވެރިއަކަށް ވެފައިވަނީ އަތުގައި އޮންނަ ސްމާޓް ފޯނެވެ.

ނަމަވެސް ފޯނާ ދުރުވާން އެބަ ޖެހެއެވެ. އެގޮތުން ކެލިފޯނިއާގެ ޕިއްޒާ ރެސްޓޯރެންޓަކުން މިވަނީ ހިލޭ ޕިއްޒާ ދޭން ފަށައިފައެވެ. ނަމަވެސް ޝަރުތަކާއެކުއެވެ. ކާ ގަޑީގައި ފޯނު ބޭނުން ކޮށްގެން ނުވާނެއެވެ.

ކެލިފޯނިއާގެ ސިޓީއެއް ކަމަށްވާ ފްރެސްނޯގައި ހުންނަ ކަރީ ޕިއްޒާ ކޮމްޕެނީ ނަމަކަށް ކިޔާ ރެސްޓޯރެންޓަކުން ހިންގާ އެ ޕްރޮމޯޝަނަށް ކިޔަނީ “ޓޯކް ޓު އީޗް އަދާ” އެވެ.

އެ ޕްރޮމޯޝަންގެ މައުލޫމާތު ފޭސްބުކްގައި ހިއްސާ ކުރަމުން އެ ރެސްޓޯރެންޓުން ބުނީ، ޕްރޮމޯޝަންގެ ބޭނުމަކީ އާއިލާ އާއި ރަހްމަތްތެރިންނާއެކު ވަގުތު ހޭދަކުރާއިރު ފޯނާ ކުޅުމުގެ ބަދަލުގައި އެކަކު އަނެނަކާ ވާހަކަދައްކާ މުއާމަލާތްކުރުވުން ކަމަށެވެ.

އެގޮތުން މަދުވެގެން ހަތަރު މީހުންގެ ގުރޫޕެއް އެތަނަށް ކާން ދިއުމުން ލޮކަރެއްގެ ތެރޭގައި އެ އެންމެންގެ ސްމާޓް ފޯނުތައް ލާ ތަޅުލުމުގެ ފުރުސަތު އެ ރެސްޓޯރެންޓުން ދެއެވެ. އަދި ކާ ގަޑި ނިމެންދެން ފޯނާ އެއްގޮތަކަށް ވެސް ނުކުޅެ ހުރެވިއްޖެނަމަ، ޓޭކްއަވޭ އެއްގެ ގޮތުގައި ނުވަތަ ދެން އެތަނަށް ކާން ދާ ފަހަރަކުން ހިލޭ ޕިއްޒާއެއް ލިބޭނެއެވެ.

ނުވަތަ ބޭނުންނަމަ އެ ޕިއްޒާ މަގުމަތީގައި އުޅޭ ފަގީރުންނަށް ހަދިޔާކުރުމުގެ ފުރުސަތު ވެސް އެ ރެސްޓޯރެންޓުން ކަސްޓަމަރުންނަށް ދެއެވެ. އެ ރެސްޓޯރެންޓަކީ މަހަކު އެއް ފަހަރު އެ ސިޓީގައި އުޅޭ ފަގީރުންނަށް ޕިއްޒާ ހަދިޔާކުރާ ރެސްޓޯރެންޓެކެވެ.

އެ ރެސްޓޯރެންޓުގެ ކޯ އޯނަރު ވަރިންޑާ ބުނި ގޮތުގައި، ޕްރޮމޯޝަންގެ ތެރެއިން މިހާތަނަށް ވެސް 40 އާއި 50 އާ ދެމެދުގެ ހިލޭ ޕިއްޒާ އެ ރެސްޓޯރެންޓުން ވަނީ ދީފައެވެ.

އެހެންކަމުން ރާއްޖޭގައި ވެސް މިއީ ކުރަން ރަނގަޅު ކަމެއް ނޫންތޯއެވެ؟

Leave a Reply

Your email address will not be published.

haftha.mv ©