މުޙައްމަދު އީމާން
23 June 2019
މަޤްބޫލު ޙަބަރު

އިންޑިއާ، ނިއު ދެއްލީ: ހިންދޫ ރާމް ކަލާނގެ މަތިވެރިކަމަށް ދައުވާކޮށް ހިންދޫ ދީނުގެ މީހުން ކިޔާ އުޅޭ “ޖައި ޝްރީ ރާމް” ކިޔަމް ދެކޮޅު ހެދި މުސްލިމު ދީނީ އިލްމުވެރިއެއްގެ ގައިގާ ކާރުން ޖައްސައި އޭނާއަށް ބޮޑެތި އަނިޔާތަކެއް ދީފި އެވެ.

ދެއްލީގެ ހުޅަނގުއުތުރުގައި އޮންނަ ރޮހިނީ ސިޓީގައި ހިނގި އެ ހާދިސާގައި ކާރަކުން ޖައްސާފައިވަނީ އެ ސިޓީގައި ހުންނަ އިސްލާމީ ތައުލީމް އުނގަންނައިދޭ މަދްރަސާއެއްގައި ކިޔަވައިދޭ ޓީޗަރެއްގެ ގައިގަ އެވެ.

އުމުރުން 40 އަހަރުގެ މައުލާނާ މޫމިން ފުލުހުންނަށް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ، އެ ހާދިސާ ހިނގީ މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރު އޭނާ މިސްކިތަށް ހިނގާފައި ދިޔަ މަގުމަތީގައި ކަމަށެވެ. އަދި އެވަގުތު އޭނާގެ ކައިރިން ބިއްލޫރިގަނޑުގައި “ޖައި ޝްރީ ރާމް” ޖަހާފައި ހުރި ކާރެއް ދިޔަ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

“އުމުރުން ތިރިީހުގެ އަހަރުތަކުގެ ތިން ފިރިހެނުން އަހަންނާ ސަލާން ކުރަން އުޅުނު. އެވަގުތު ވެސް އަހަންނަށް އެމީހުންނާމެދު ޝައްކު ކުރެވުނު. ނަމަވެސް އެމީހުންނާ އަހަރެން ސަލާން ކުރިން. އަދި އެމީހުން އަހަރެންގެ ހާލު ކިހިނެތްތޯ އެހި. އަހަރެން ބުނިން ﷲގެ ރަހްމަތްފުޅުން ހާލު ރަނގަޅޭ. ނަމަވެސް އެމީހުން ބޭނުންވީ އަހަރެން ޝައި ޝްރީ ރާމް ކިޔަން،” މޫމިންގެ ބަޔާނުގައި ބުނެފައިވެ އެވެ.

ނަމަވެސް އެމީހުން އެދުނު އެދުމަށް އޭނާ ދެކޮޅު ހަދައި، އަނެއްކާވެސް މިސްކިތަށް ދިއުމަށް ހިނގައިގެން ކަމަށާއި ނަމަވެސް ފަހަތުން ވެހިކަލެއް އޭނާގެ ގައިގާ ޖެއްސި ކަމަށް މޫމިން ބުންޏެވެ.

އަދި ކާރު އައިސް ޖެއްސިލެއް ބާރުކަމުން އޭނާ ވިއްސައިގެން ގޮސް ބިންމައްޗަށް ވެއްޓުނު ކަމަށާއި ނަމަވެސް އެ ފަހުން ހޭނެތި ވީނުވީ ނޭނގުނު ކަމަށް ވެސް ބަޔާނުގައި މޫމިން ބުނެފައިވެ އެވެ.

އެ ހާދިސާގައި މޫމިންއަށް އެހީތެރިވެ ފުލުހުންނަށް އެކަން ރިޕޯޓްކުރީ އެވަގުތު އެތަނުން ހިނގާފައިދިޔަ މީހެކެވެ. އަދި ވަގުތުން އޭނާ ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި ކާރުން ޖެއްސުމުގެ ސަބަބުން މޫމިންގެ ބޮލަށާއި މޫނަށް އަދި އަތަށް ވަނީ އަނިޔާވެފަ އެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުންގެ ސީނިއާ އޮފިސަރަކު ވިދާޅުވީ، އެ ހާދިސާގެ ޝަކުވާ މިދިޔަ ހުކުރު ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މޫމިންގެ ވާހަކަ ކަށަވަރު ކުރުމަށް ސީސީޓީވީ ކެމެރާތަކުގެ ފުޓޭޖްތައް ބަލައި އެކަން ކުރި ކަމަށް ބުނާ ތިން މީހުންގެ މައުލޫމާތު އެއް ކުރަމުންދާ ކަމަށް ވިދާޅުވެފައިވެ އެވެ.

މަސްދަރު: އިންޑިއާ ޓުޑޭ/ ފޮޓޯ/ އޭއެންއައި

Leave a Reply

Your email address will not be published.

haftha.mv ©