މުޙައްމަދު އިބްރާހިމް
24 June 2019
މަޤްބޫލު ޙަބަރު

ހިންދޫ ކަލާނގެ މަތިވެރިކުރަން މަޖުބޫރުކޮށް ތަޅައި އަނިޔާކުރި މުސްލިމަކު ލިބުނު އަނިޔާތަކަށް ފަރުވާ ހޯދަމުން ދަނިކޮށް މަރުވެއްޖެ އެވެ.

އުމުރުން 22 އަހަރުގެ ތަބްރޭޒް އަންސާނީގެ ގައިގާ ގުރޫޕަކުން ތަޅައި އަނިޔާކުރީ ސައިކަލެއް ވަގަށް ނެގި ކަމަށް ތުހުމަތުކޮށް ހޮޅިދަނޑިއެއްގައި އޭނާ ބަނުމަށްފަހު އެވެ.

އިންޑިއާގެ އިރުމަތީގައި އޮންނަ ޖާކްހަންދު ސްޓޭޓްގެ އަވަށެއްގައި މިދިޔަ ހޮނިހިރު ދުވަހު ހިނގި އެ ހާދިސާގެ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، އެ ވީޑިއޯއިން ފެންނަނީ އަންސާރީ ބަނުމަސްފަހު ހިންދޫ ރާމް ކަލާނގެ މަތިވެރިކަމަށް ދައުވާކޮށް ހިންދޫ ދީނުގެ މީހުން ކިޔާ އުޅޭ “ޖައި ޝްރީ ރާމް” ކިޔަން އޭނާއަށް މަޖުބޫރު ކުރުވާ މަންޒަރެވެ.

އަދި އެ މީހުން ބުނިގޮތަށް އަންސާރީ އެ އެހެން ކިޔާ، އޭނާއަށް ކުރާ އަނިޔާ ހުއްޓާލުމަށް އާދޭސް ކުރާތަން ފެނެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އަންސާރީ މަރުވީ ވައްކަމުގެ ތުހުމަތުގައި ބަންދު ކޮށްފައި ހުއްޓާ ކުއްލިއަކަށް ބަލިވެގެން ނެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

އަންސާރީ ގެންދެވުނު ހޮސްޕިޓަލުގެ ސިވިލް ސާޖިއަން ވިދާޅުވީ، އޭނާ މަރުވީ ހާޓް އެޓޭކެއް ޖެހިގެން ނުވަތަ ހިތުގެ ބުލޮކެއް އުޅޭތީ ކަމަށް ވެދާނެ ކަމަށެވެ. ޔަގީން ޖަވާބެއް ދެވޭނީ އޭނާގެ ޕޯސްޓްމޯޓަމް ހެދުމުން ކަމަށް ވިދާޅުވެފައިވެ އެވެ.

ނަމަވެސް އަންސާރީގެ އާއިލާއިން ބުނާ ގޮތުގައި، އޭނާ މަރުވީ ހަތަރު ގަޑިއިރު ވަންދެން އެއްވެސް ހަމްދަރުދީއެއް ނެތި އޭނާއަށް ކުރި އަނިޔާތަކުގެ ސަބަބުން ނެވެ.

އަދި އޭނާއަކީ ކްރިމިނަލް އެއްވެސް ރެކޯޑެއް އޮތް މީހެއް ނޫން ކަމަށާއި ވައްކަމެއް ކުރިއަސް ބަދެ، އެތައް ގަޑިއިރެއް ވަންދެން ތަޅައި “ޖައި ޝްރީ ރާމް” ކިޔަން މަޖުބޫރު ކުރުވުމަކީ ހައިރާން ޖެހޭ ކަމެއް ކަމަށް އާއިލާއިން ބުނެ އެވެ.

“އޭނާ (އަންސާރީ)ގެ ކުށަކީ އޭނާ މުސްލިމަކަށްވުން. އެހެން ނޫންނަމަ އޭނާ މިއަދުވެސް ދިރި ހުންނާނެ،” އަންސާރީގެ ބޮޑުބޭބެ މަގްސޫދް އަލަމް ބުނެފައިވެ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©