މުޙައްމަދު އިބްރާހިމް
27 June 2019
މަޤްބޫލު ޙަބަރު

ގިނަ ދެމަފިރިންނަކީ ދަރިއެއް ހޯދަން ވިސްނުމުގެ މާ ކުރީން ވެސް ދަރިއަކަށް ކިޔާނެ ނަމަކާ މެދު ގޮތް ނިންމައިގެން ތިބޭ ބައެކެވެ. އެގޮތުން މާނަ ރީތިވެފައި، ކިޔާލަން ފަސޭހަ އަދި ވަކިން ހާއްސަކޮށް ވަނަމެއް ގޮތުގައި ކިޔާލަން ރީތި ނަމެއް އެތައް ގޮތަކުން ހޯދަ އެވެ.

އެގޮތުން އިންޑޮނޭޝިއާގެ ކުއްޖަކަށް ކީ ނަމަކަށް މިވަނީ ސަމާލުކަން ލިބިފަ އެވެ. ގާނޫނީ ގޮތުން އެ ކުއްޖާއަށް ކިއަން ރަޖިސްޓްރީ ކުރި ނަމަކީ، ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި ކަމަށްވާ “ގޫގުލް”ގެ ނަމެވެ. ފަހަތަށް އަދި ކުރިއަށް ވެސް ނަމެއް ނުގެނެ އެވެ.

މިިދިޔަ އަހަރުގެ ނޮވެމްބަރު 30 ވަނަ ދުވަހު އުފަންވެ، މިހާރު ހަތް މަހުގެ “ގޫގުލް”ގެ ބައްޕަ އަންދީ ޗަންޔާ ސަޕުޓްރާ އިންޑޮނޭޝިއާގެ މީޑިއާއަކަށް ބުނީ، ދަރިފުޅަށް އެ ނަން ކިޔަން އޭނާގެ ހިޔާލަށް އެންމެ ފުރަތަމަ އައީ ދަރިފުޅަށް އަންހެނުން ބަލިވެ އިންތާ ހަތް މަހުގައި ކަމަށެވެ.

އޭގެ ކުރިން އޭނާގެ ވިސްނުމަށް ޤުރުއާނުގައި ހިމެނޭ ބައެއް ނަންތަކާއި އާންމުކޮށް މީހުން ކިޔައި އުޅޭ ނަންތައް ވިސްނުމަށް އައި ނަމަވެސް، ޓެކްނޮލޮޖީގެ ނަމެއް ކިޔަން އޭނާ ބޭނުންވެ އެކަހަލަ ނަންތައް ހޯދަން ފެށި ކަމަށް ބައްޕަ ބުނެފައިވެ އެވެ.

އެގޮތުން “ވިންޑޯސް”، “އައިފޯން”، “މައިކްރޮސޮފްޓް”، “އައިއޯއެސް” ފަދަ ނަންތައް ވިސްނުމަށް އައި ކަމަށާއި ނަމަވެސް ކިޔަން އެންމެ ރަނގަޅު ނަމަކަށް ފެނުނީ “ގޫގުލް” ކަމށް އަންދީ ބުނެފައިވެ އެވެ.

މީޑިއާގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި، އަންދީގެ އެ ނަމަށް އޭނާގެ އަންހެނުން އެލާ ކަރީން ފުރަތަމަ ދެކޮޅު ހެދި އެވެ. އެގޮތުން މިއަދާ ހަމައަށް ވެސް އެ ނަން ސިއްރުކޮށް، އެ ކުއްޖާއަށް ކިޔަމުން އައީ “ބޭބީ ބޯއީ” އެވެ.

ނަމަވެސް ކުއްޖާއަކީ ގިނަ ބައެއްގެ ލީޑަރަކަށް ވުމުގެ އުއްމީދުގަ އާއި ދުނިޔޭގެ އެންމެ މަޝްހޫރު އިންޓަނެޓް ސާޗް އިންޖީނުގެ ނަން ދަރިފުޅަށް ކިޔަން އޭނާ ވެސް ފަހުން ބޭނުންވި ކަމަށްވެ އެވެ.

“އަހަރެންގެ ބައްޕަ ކައިރީގައި ބުނިން ގޫގުލްގެ ނަމުގައި ވަރަށް މުހިންމު މާނައެއް އޮވެއޭ. ސަބަބަކީ އަހަރެންގެ އުއްމީދަކީ ދަރިފުޅު ގޫގުލް، އެތައް ބަޔަކަށް އެހީވެ އެހެން މީހުންނަށް ވެސް އޭނާގެ ފަރާތުން ފައިދާތަކެއް ކުރުން. އަދި ގޫގުލް އަކީ ދުނިޔޭގެ ނަންބަރު ވަން. އެންމެ ގިނަ ބަޔަކު ވަންނަ ސައިޓް،” ގޫގުލްގެ ބައްޕަ އަންދީ ބުނެފައިވެ އެވެ.

ގޫގުލްގެ މަންމަ އެލާ ބުނީ، ދަރިފުޅަށް އެ ނަން ކިޔާތާ ބައެއް މީހުން މަލާމާތް ކުރާ ކަމަށާއި އަދި އިތުރު ދަރިއަކު ލިބިއްޖެއްޔާ “ވަޓްސްއެޕް” ކިޔަން ބުނާ ކަމަށެވެ. ނަމަވެސް އެ މަލާމާތަކަށް އޭނާ އަޅާ ނުލާ ކަމަށާއި އެއީ އެމީހުންނަށް ގޫގުލްގެ ނަމުގެ މާނަ ނޭނގޭތީ ކަމަށް ވެސް އެލާ ބުނެފައިވެ އެވެ.

އިންޑޮނޭޝިއާގެ ކުއްޖަކަށް “ގޫގުލް”ގެ ނަން ދީފައިވާއިރު، މީގެ ކުރިން ވެސް އެގައުމުގައި އުފަންވި ކުދިންނަށް ވަނީ ތަފާތު ނަންތައް ކިޔައިފަ އެވެ.

އެގޮތުން ދާދި ފަހުން އެގައުމުގައި ބޭއްވި އޭޝިއަން ގޭމްސްއާ ގުޅުވައިގެން އެދުވަސްވަރު ވިހެއި ކުއްޖަކަށް “އޭޝިއަން ގޭމްސް” ކިޔާފައިވާއިރު، “އަންދީ ގޯ ޓު ސްކޫލް” އަދި “އަލްހަމްދުލިﷲ ލަނަންގް އަނަކޫ” ގެ ނަން ވެސް މީގެ ކުރިން ވަނީ ކިޔައިފަ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©