މުޙައްމަދު އިބްރާހިމް
28 June 2019
މަޤްބޫލު ޙަބަރު

ގުދުސް (ކިއުއެންއެން) – އިޒްރޭލުގެ ޔަހޫދީ ސިފައިން، ފަލަސްތީން ޒުވާނެއްގެ ހިތަށް އަމާޒުކޮށް ބަޑިޖަހައި ޝަހީދު ކޮށްލައިފި އެވެ.

ފަލަސްތީންގެ ހަބަރުތައް ގެނެސްދޭ ގުދުސް ނިއުސް ނެޓްވޯކުން ބުނީ، އިޒްރޭލުން ވެރިވެގެންފައިވާ އިރުމަތީ ގުދުސްގެ އަލް އިސްވިޔާ ނެއިބަހުޑްގައި ރޭ ހިނގި ހަމަނުޖެހުންތަކުގައި ޝަހީދު ކޮށްލާފައިވަނީ އުމުރުން 21 އަހަރުގެ މުހައްމަދު ސަމީރު އުބެއިދު ނަމަކަށް ކިޔާ ޒުވާނެއް ކަމަށެވެ.

އޭނާ ޝަހީދު ކޮށްލާފައި މިވަނީ، ސިޔާސީ ކުށްވެރިއެއްގެ ގޮތުގައި އިޒްރޭލު ޖަލެއްގައި ހައްޔަރުކޮށްގެން ގެންގުޅުމަށްފަހު މިނިވަންކުރިތާ ހަފްތާއެއް ނުވަނީސް އެވެ. އުބެއިދުގެ ދައްތަ އަދި ބައްޕައަކީ ވެސް ސިޔާސީ ކުށްވެރިންގެ ގޮތުގައި ހައްޔަރުކޮށްފައިވާ މީހުންނެވެ.

ގުދުސް ނިއުސް ނެޓްވޯކުން ބުނީ، އުބެއިދު ޝަހީދު ކޮށްލީ އިޒްރޭލުގެ ސިފައިން ފޮނުވާލި ހަމަލާ އޭނާގެ ހިތަށް އަމާޒު ވެގެން ކަމަށެވެ. އަދި އޭނާ ޝަހީދު ކޮށްލުމަށްފަހު، ހަށިގަނޑު ރަހީނުކޮށްގެން ގެންގޮސް ހަދަސާ އިޒްރޭލް ހޮސްޕިޓަލަށް ގެންދިޔަ ކަމަށް އެ ނޫހުގައި ބުނެފައިވެ އެވެ.

އަދި އުބެއިދުގެ ހަށިގަނޑު އާއިލާއާ ހަވާލުކުރަން އިޒްރޭލުގެ ސިފައިން ދެކޮޅު ހަދައި، ޝަހީދުކޮށްލި ޒުވާނާގެ އާއިލާއަށް ހޮސްޕިޓަލު ތެރޭގައި އަނިޔާ ވެސް ކުރި ކަމަށް ގުދުސް ނިއުސް ނެޓްވޯކުން ބުނެ އެވެ. އަދި އެ ހާދިސާތަކުގެ ވީޑިއޯތައް ވެސް އެ ނޫހުގެ ސޯޝަލް މީޑިއާގައި ވަނީ އާންމު ކޮށްފަ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©