މުޙައްމަދު އިބްރާހިމް
28 June 2019
މަޤްބޫލު ޙަބަރު

ނިއު ދެއްލީ: ހިންދޫ ކަލާނގެ މަތިވެރިކުރަން މަޖުބޫރުކޮށް އެކަން ކުރުމަށް ދެކޮޅު ހެދި މުސްލިމެއްގެ ގައިގައި ތަޅާ އަނިޔާ ކޮށްފި އެވެ.

އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އެ ހާދިސާގައި އަނިޔާ ކޮށްފައިވަނީ އޮންލައިން ކެބް ކުންފުންޏެއްގައި މަސައްކަތްކުރާ އުމުރުން 25 އަހަރުގެ ފައިސަލް އުސްމާން ޚާން ނަމަކަށް ޓެކްސީ ޑްރައިވަރަކަށެވެ.

ފުލުހުންނަށް ދިން ބަޔާނުގައި ފައިސަލް ބުނީ، މިދިޔަ ހޯމަ ދުވަހު ދީވާގައި ހުންނަ ހޮސްޕިޓަލަކުން ފަސިންޖަރުންތަކެއް ނަގައިގެން މުމްބާއީއަށް ދިޔަ މަގުމަތީގައި މަގުމެދަށް އޭނާގެ ކާރު ހުއްޓުނު ކަމަށެވެ.

ހިންދޫ ކަލާނގެ މަތިވެރިކުރަން މަޖުބޫރުކޮށް، ބަނދެ، އަނިޔާކުރި މުސްލިމަކު މަރުވެއްޖެ

“ޕާކިން ލައިޓްސް ޖައްސާފައި ކާރު ރީސްޓާޓް ކުރަން އުޅުނު ގަޑީގައި ސްކޫޓަރެއްގައި ދިން މީހަކު އައިސް ކާރުގެ ބިއްލޫރިގަނޑުގައި ޖަހަން ފެށި. އޭރު އެމީހުން ތިބީ މަސްތުގެ ހާލުގައި. އަދި އަހަރެން ކައިރީގައި އެހި މަގު މެދަށް ވެހިކަލް ހުއްޓައިގެން ތިއޮތީ ކީއްވެތޯ،” ފައިސަލް ބުނެފައިވެ އެވެ.

އެއަށްފަހު އެމީހުން ކާރުގެ ތަޅުދަނޑި ނަގައި، ފައިސަލް އާއި ކާރުގައި އޭރު އިން ފަސިންޖަރަކު ކާރުން ނެރެ، އަނިޔާކުރަން ފަށައި، އިސްލާމްދީނަށް ވެސް އެމީހުން ހަޖޫ ޖެހި ކަމަށްވެ އެވެ.

އަދި ހިންދޫ ކަލާނގެ މަތިވެރިކޮށް ހިންދޫ ދީނުގެ މީހުން ކިޔާ އުޅޭ “ޖައި ޝްރީ ރާމް” ކިޔަން އޭނާއަށް މަޖުބޫރުކޮށް، އެ ކިއުމުން ނޫނީ ދޫ ނުކުރާނެ ކަމަށް ބުނި ކަމަށް ވެސް ފައިސަލްގެ ޕޮލިސް ބަޔާނުގައި ބުނެފައިވެ އެވެ. ނަމަވެސް ކާރުގައި އިން އެހެން ފަސިންޖަރަކު ޕޮލިހަށް އެކަން އެންގުމުން، ފައިސަލްއަށް އަނިޔާކުރި މީހުން އޭނާގެ ފޯނު ހިފައިގެން ފިލި އެވެ.

އެ މައްސަލައާ ގުޅިގެން އިންޑިއާގެ ފުލުހުން މިހާރު ވަނީ ތިން މީހަކު ހައްޔަރު ކޮށްފަ އެވެ. އަދި އެ މައްސަލައާ ގުޅޭ އިތުރު މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނި ނަމަވެސް ހައްޔަރުކުރި މީހުންގެ މައުލޫމާތެއް ހާމަ ކޮށްފައެއް ނުވެއެވެ.

އިންޑިއާގެ ހިންދޫ ދީނުގެ މީހުންގެ ފަރާތުން އެގައުމުގައި އުޅޭ މުސްލިމުންނަށް އެކިވަރުގެ އަނިޔާއާ ދުއްތުރާ ލިބުން މިފަހަކަށް އައިސް އިތުރުވެފައިވާއިރު، ހިންދޫ ކަލާނގެ މަތިވެރިކުރަން މަޖުބޫރުކޮށް ތަޅައި އަނިޔާކުރި މުސްލިމަކު ލިބުނު އަނިޔާތަކަށް ފަރުވާ ހޯދަމުން ދަނިކޮށް ދާދި ފަހުން ވަނީ މަރުވެފަ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©