މުޙައްމަދު އިބްރާހިމް
28 June 2019
މަޤްބޫލު ޙަބަރު

ގެނބިގެން މަރުވެގެން ތުރުކީގެ ގޮނޑުދޮށަށް ލެއްގި ސޫރިޔާގެ، އުމުރުން ތިން އަހަރުގެ ތުއްތު އައިލާން ކުރްދީގެ ހަޔާތުގެ މައްޗަށް ފިލްމެއް ހަދަން ނިންމައިފި އެވެ.

މީގެ ހަތަރު އަހަރު ކުރިން މުޅި ދުނިޔެ ރޮއްވާލި އުމުރުން ތިން އަހަރުގެ އައިލާން އާއި އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ، އުމުރުން ހަތަރު އަހަރުގެ ޣާލިބު އަދި އެ ދެކުދިންގެ މަންމަ ރައިހާނާ ގެނބިގެން މަރުވީ ސޫރިޔާގެ ހަނގުރާމައިން ސަލާމަތްވުމަށް، ޔޫރަޕަށް އެތެރެވުމަށްޓަކައި ކަނޑު ހުރަސްކޮށް ކުޑަ ބޯޓެއްގައި ދަތުރުކުރަނިކޮށް އެމީހުން ދަތުރުކުރި ބޯޓު ބަންޑުން ޖަހާލުމުގެ ސަބަބުން ނެވެ.

އެ ހާދިސާގައި އައިލާން މަރުވެފައިވާ ހަށިގަނޑު ފެނުނީ ތުރުކީގެ ބޮޑްރަމްގެ ގޮނޑުދޮށަށް ލައްގާފައި އޮއްވަ އެވެ. އެ ތުއްތު ކުއްޖާގެ ފޮޓޯ މީޑިއާގައި އާންމުވުމާއެކު މުޅި ދުނިޔެއަށް ބޮޑު ހައިރާންކަމެއް ވެރިވެގެން ދިޔައިރު، މުޅި ދުނިޔޭގެ މީޑިއާގެ ފަލަ ސުރުޚީއަށް އެ ޚަބަރު އެރި އެވެ.

އައިލާންގެ ހަޔާތުގެ މައްޗަށް “ބޭބީ އައިލާން”ގެ ނަމުގައި ފިލްމެއް ހެދުމުގެ މަސައްކަތް ފަށާފައިވަނީ ތުރުކީގެ ޑައިރެކްޓަރެއް ކަމަށްވާ އޮމަރް ސަރިކަޔާ އެވެ.

އެ ފިލްމުގެ ޝޫޓިންތައް ފަށައިގެން މިހާރު ކުރިއަށްދާއިރު، ފިލްމުގެ މަންޒަރުތައް ނަގަނީ ވެސް އައިލާން މަރުވެގެން ލައްގާފައި އޮތް ބޮޑްރަމްގަ އެވެ. ފިލްމުގެ ތަރިންގެ ގޮތުގައި ފެނިގެންދާނީ އެމެރިކާގެ އެކްޓަރު ސްޓީވަން ސީގަލް އަދި މައިކް މިޗެލްގެ އިތުރުން ޖަރުމަނުގެ ބަތަލާ އަދި މޮޑެލް އެއް ކަމަށްވާ ވިލްމާ އެލެސް އެވެ.

ސަރިކަޔާ ބުނީ، ފިލްމުން ލިބޭ އެއްވެސް އާމްދަނީއެއް އެއްވެސް އެކްޓަރަކަށް އަދި އެކްޓްރެސްއަކަށް ނުލިބޭނެ ކަމަށެވެ. ނަމަވެސް އެ އާމްދަނީ އިންސާނީ އެހީ ފޯރުކޮށް ދިނުމަށް ހަދިޔާކުރަން ނިންމާފައިވާ ކަމަށް ބުނެފައިވެ އެވެ.

އައިލީންގެ މައްޗަށް ހަދާ އެ ފިލްމުގެ ޝޫޓިން އަންނަ މަހުގެ 20 ވަނަ ދުވަހު ނިންމަން މަސައްކަތް ކުރަމުންދާއިރު، ފިލްމުގެ ގާލާ ބާއްވަން ހަމަޖެހިފައިވަނީ ބޮޑްރަމްގައި އަންނަ ސެޕްޓެމްބަރު މަހުގެ ދެ ވަނަ ދުވަހު އެވެ.

Leave a Reply

Your email address will not be published.

haftha.mv ©