މުޙައްމަދު އިބްރާހިމް
30 June 2019
މަޤްބޫލު ޙަބަރު

ނިއު ދެއްލީ: އިންޑިއާގެ އުތުރުގައި އޮންނަ އުއްތަރަ ޕްރަދޭޝްގައި މުސްލިމު ކުޑަ ކުއްޖެއްގެ ގައިގާ ބަޔަކު ތަޅައި އަނިޔާ ކޮށްފި އެވެ.

ފުލުހުންނާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، މިދިޔަ ހުކުރު ދުވަހު އުމުރުން 16 އަހަރުގެ މުހައްމަދު ތާޖް ނަމަކަށް ކިޔާ އެ ކުއްޖާއަށް ބަޔަކު އަނިޔާކުރީ ހުކުރު ނަމާދު ކޮށްގެން ގެޔަށް ދިޔަ މަގުމަތީގަ އެވެ.

ސްޓޭޝަން ހައުސް އޮފިސަރު ސްތިޝް ކުމާރު ސިންގް އާ ހަވާލާދީ ޕްރެސް ޓްރަސްޓް އޮފް އިންޑިއާ އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި، ތާޖަށް ހަމަލާދިނީ ސައިކަލުތަކެއްގައި ދިޔަ ބަޔަކު އޯވަޓޭކް ކޮށްފައި ދިއުމުންނާއި އޭނާ އަޅައިގެން ހުރި ތޮއްޕެއްގެ ސަބަބުން ނެވެ.

އަދި އެ މައްސަލާގައި އޭނާ ހުއްޓުވައި ހިންދޫ ދީނުގެ މީހުން ކިޔާ އެއްޗެހި ކިޔުއްވަން މަޖުބޫރު ކުރުވައި އެކަމަށް ދެކޮޅު ހެދުމުން ތަޅައި އަނިޔާ ކުރީ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

“އަހަންނަށް އެމީހުން ވަރަށް އަނިޔާކުރި. އަހަރެން އަޅައިގެން ހުރީ ކައްބޮލެއް ޖަހާފައިހުރި ތޮއްޕެއް. އެ ތޮފި ނޭޅުމަށް އަހަންނަށް އެމީހުން ބިރު ދެއްކި. އަދި އަހަރެން ކައިރީގައި “ހެއިލް ލޯޑް ރާމާ” ކިޔަން ބުނި. ނަމަވެސް ބަޔަކު އަހަރެންގެ އެހީތެރިކަމަށް އައިމަ އެމީހުން ފިލީ،” ތާޖް އަނަދޮލޫ އެޖެންސީއަށް ބުނެފައިވެ އެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުންގެ ތަހުގީގު ފަށާފައިވާއިރު ތާޖް އަށް އަނިޔާކުރި މީހުން ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން ނެވެ.

އިންޑިއާގެ ހިންދޫ ދީނުގެ މީހުންގެ ފަރާތުން އެގައުމުގައި އުޅޭ މުސްލިމުންނަށް އެކިވަރުގެ އަނިޔާއާ ދުއްތުރާ ލިބުން މިފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ. އެގޮތުން ހިންދޫ ކަލާނގެ މަތިވެރިކުރަން މަޖުބޫރުކޮށް ތަޅައި އަނިޔާކުރި މުސްލިމަކު ލިބުނު އަނިޔާތަކަށް ފަރުވާ ހޯދަމުން ދަނިކޮށް ދާދި ފަހުން ނިޔާވެފައިވާއިރު، މުސްލިމު ޑްރައިވަރަކަށް ވެސް ވަނީ ދާދި ފަހުން ތަޅައި އަނިޔާ ކޮށްފަ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©