މުޙައްމަދު އިބްރާހިމް
01 July 2019
މަޤްބޫލު ޙަބަރު

ސްޓޮކްހޮމް – ސުވިޑެންގެ ހޮސްޕިޓަލެއްގެ ތެރޭގައި ހުންނަ މިސްކިތަކަަށް ބަޔަކު ވަދެ، އެތަނުގައި ހުރި މުސްހަފްތަކަށާއި މިސްކިތަށް ގެއްލުންތަކެއް ދީފި އެވެ.

ގޮތެންބާގް މޮސްކް އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ، މުސްލިމުންނާއި އިސްލާމްދީނާ ދެކޮޅު ބަޔަކު އެ އަމަލު ހިންގާފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ސްވިޑެންގެ ހުޅަނގުގައި އޮންނަ ގޮތެންބާގް ސިޓީގެ ހޮސްޕިޓަލެއްގެ ތެރޭގައި ހުންނަ މިސްކިތަކަށް ވަދެ ކަމަށެވެ.

އެގޮތުން އެ މިސްކިތުގައި ހުރި މުސްހަފްތައް ވީދައި މިސްކިތު ތެރޭގައި ބަހައްޓާފައި ހުރި ކަނބަޑު ތަކަށާއި ކާޕެޓްތަކަށް އަދި މުސްހަފްތަކަށް ވެސް ލުއި ބުއިން އެޅި ކަމަށް ބުނެފައިވެ އެވެ.

އެ މިސްކިތަކީ އެ ހޮސްޕިޓަލަށް ފަރުވާ ހޯދަން އަންނަ މުސްލިމުން ނަމާދު ކުރުމަށާއި ނަފްސާނީ އެހީތެރިކަން ހޯދުމަށް ހަދާފައިވާ ތަނެކެވެ.

“މި ހަމަލާގެ ސަބަބުން މުސްލިމުންނަށް މާޔޫސްކަމާއި ހިތްދަތިކަން ލިބިއްޖެ. ހޮސްޕިޓަލަށް އަންނަ ޕޭޝަންޓުންނަށް ނަފްސާނީ ހިތްވަރުދޭ ކޮޓަރިއަކަށް ހަމަލާދިނުމުން ރަމްޒު ކޮށްދެނީ އެމީހުންގެ ނަފްރަތު ހުރިވަރު،” ގޮތެންބާގް މޮސްކް އެސޯސިއޭޝަންގެ ބަޔާނުގައި ބުނެފައިވެ އެވެ.

ސުވިޑެންގެ ފުލުހުން މިހާރު އެ މައްސަލަ ތަހުގީގު ކުރަމުންދާއިރު، އެކަންކުރި ބަޔަކު ހޯދަން ހޮސްޕިޓަލުގެ ސެކިއުރިޓީ ފުޓޭޖްތައް ދަނީ ބަލަމުންނެވެ.

Leave a Reply

Your email address will not be published.

haftha.mv ©