މުޙައްމަދު އީމާން
05 July 2019
މަޤްބޫލު ޙަބަރު

އިންޑިއާ: ކަށްވަޅު ކޮނެ ވަޅުލާން ހުރިހާ ތައްޔާރީއެއް ވެފައިވަނިކޮށް މަރުވި ކަމަށް ޑޮކްޓަރުން ނިންމި މީހާ ހޭ އަރައިފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އިންޑިއާގެ އުތުރުގައި އޮންނަ ލަކްނައު ސިޓީއަށް އުފަން މުހައްމަދު ފުރްޤާން ނަމަކަށް ކިޔާ އުމުރުން 20 އަހަރުގެ އެ ޒުވާނާ އަކީ މިދިޔަ ޖޫން މަހު ހިނގި އެކްސިޑެންޓެއްގައި އޭނާގެ ފުރާނަ ސަލާމަތް ކުރުމަށް ބޮޑު އޮޕަރޭޝަނެއް ކުރި މީހެކެވެ.

ނަމަވެސް އޮޕަރޭޝަނަށްފަހު އޭނާ ހޭ އަރާފައެއް ނުވެއެވެ. އޭނާ ހޭ އަރާނެކަމުގެ އުއްމީދުގައި ހޮސްޕިޓަލުގައި ގިނަ ދުވަސްތަކެއް ވަންދެން ވެސް ބޭއްވި އެވެ. އަދި ހޮސްޕިޓަލަށް ދައްކާނެ ފައިސާ ނެތްކަމަށް ފުރުގާންގެ އާއިލާއިން ބުނުމުން، އޭނާ މަރުވި ކަމަށް ހޮސްޕިޓަލުގެ ޑޮކްޓަރުން ނިންމި އެވެ.

އެއާއެކު ފުރުގާންގެ ކަށުކަމާ ކެމީގެ ކަންތައް އާއިލާއިން ފެށި އެވެ. ނަމަވެސް ވަޅުލަން ކަށްވަޅު ކޮނެ ސަންދޯއް ވެސް ތައްޔާރު ކޮށްފައި ވަނިކޮށް، ފުރުގާން ހަރަކާތް ކުރަން ފެށުމުން އާއިލާއަށް ވެސް ލިބިގެންދިޔައީ ބޮޑު ޝޮކެކެވެ.

“ހިތާމައިގައި ތިބެ، އަހަރެމެން ފުރުގާން ވަޅުލުމުގެ ކަންތައް ކުރިއަށް ގެންދިޔައިން. ނަމަވެސް އަހަރެމެންގެ ތެރެއިން ބަޔަކަށް އޭނާގެ އަތް ގުޑުވާލިތަން ފެނުނު. ވަގުތުން ފުރުގާން ހޮސްޕިޓަލަށް ގެންދިޔައީން. އަދި ޑޮކްޓަރުން ވެސް އޭނާ ހޭ އަރާފައިވާ ކަމަށް ބުނެ ވަގުތުން ވެންޓިލޭޓަރަށް ލި،” ފުރުގާންގެ ބޭބެ މުހައްމަދު އިރުފާން ހިންދުސްތާން ޓައިމްސްއަށް ބުނެފައިވެ އެވެ.

މި މައްސަލައާ ގުޅިގެން ލަކްނައު ސިޓީގެ ޗީފް މެޑިކަލް އޮފިސަރު ނަރެންދްރަ އަގަރްވާލް ވިދާޅުވީ، އެ ހާދިސާގައި ސިއްހީ އެއްވެސް އިހުމާލެއް ވޭތޯ ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި ފުރުގާންގެ ހާލު ސީރިއަސްވި ނަމަވެސް އޭނާގެ ސިކުނޑި މަރު ނުވާ ކަމަށާއި ވިންދު ޖަހައި ލޭގެ ޕްރެޝަރު ވެސް ރަނގަޅު ކަމަށެވެ.

Leave a Reply

Your email address will not be published.

haftha.mv ©