މުޙައްމަދު އިބްރާހިމް
07 July 2019
މަޤްބޫލު ޙަބަރު

އެމެރިކާގެ ކެލިފޯނިއާއަށް މިދިޔަ ބުރާސްފަތި ދުވަހު އައި ބާރުގަދަ ބިންހެލުމަށްފަހު އެވަރުގެ ނުވަތަ އެއަށްވުރެ ވެސް ބާރުގަދަ އިތުރު ބިންހެލުމެއް އަތުވެދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް އޮފިޝަލުން ވިދާޅުވެއްޖެ އެވެ.

ކެލިފޯނިއާގެ ހުޅަނގުގެ ސަރަހައްދަކަށް މީގެ ތިން ދުވަސް ކުރިން އައިސްފައިވަނީ 6.4 މެގްނިޓިއުޑްގެ ބިންހެލުމެކެވެ. މިއީ 20 އަހަރަށްފަހު އެވަރުގެ ބާރުގަދަ ބިންހެލުމެއް ކެލިފޯނިއާއަށް އައި ފުރަތަމަ ފަހަރެވެ.

ޔޫއެސް ޖިއޮލޮޖިކަލް ސާވޭގެ ކަލެޓެކް ސެއިސްމޮލޮޖިސްޓް އެގިލް ހޯކްސަން ވިދާޅުވާ ގޮތުގައި، މި ހަފްތާ ތެރޭގައި ކެލިފޯނިއާއަށް 6 ނުވަތަ އެއަށްވުރެ ބާރުގަދަ ބިންހެލުމަށް އައުން ގާތެވެ.

“މި ހަފްތާ ތެރޭގައި އެކެއް ނުވަތަ ދެ ބިންހެލުން އައުމަކީ އެކަށީގެންވާ ކަމެއް،” އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ހޯކްސަން ވިދާޅުވި އެވެ.

ނަމަވެސް ވަގުތު ހިނގާ ވަރަކަށް ކެލިފޯނިއާއަށް މިދިޔަ ބުރާސްފަތި ދުވަހު އައި ވަރުގެ ބިންހެލުމެއް ނުވަތަ އެއަށްވުރެ ބާރުގަދަ ބިންހެލުމެއް އައުމުގެ ފުރުސަތު ކުޑަ ވަމުންދާ އޭނާ ވިދާޅުވި އެވެ.

ކަލެޓެކް ސެއިސްމޮލޮޖިސްޓުން ބުނާ ގޮތުގައި، ކެލިފޯނިއާއަށް މިދިޔަ ބުރާސްފަތި އަދި ހުކުރު ދުވަހު އައި ބާރުގަދަ ބިންހެލުމަށްފަހު މިހާތަނަށް 3000 ކުދި ބިންހެލުން ވަނީ  ރެކޯޑް ކުރެވިފަ އެވެ.

އޮފިޝަލުން ބުނާގޮތުން، އެ ދުވަހުގެ ބިންހެލުމަށްފަހު މިހާތަނަށް ތިނެއް މެގްނިޓިއުޑް އަށްވުރެ ބާރުގަދަ 340 ބިންހެލުމާއި ހަތަރެއް މެގްނިޓިއުޑަށް ވުރެ ބާރުގަދަ 54 ބިންހެލުން އަދި ފަހެއް މެގްނިޓިއުޑަށް ވުރެ ބާރުގަދަ ހަ ބިންހެލުން ވަނީ ރެކޯޑް ކުރެވިފަ އެވެ.ަ

Leave a Reply

Your email address will not be published.

haftha.mv ©