މުޙައްމަދު އިބްރާހިމް
10 July 2019
މަޤްބޫލު ޙަބަރު

ޣާޒާ ސިޓީ، ފަލަސްތީން – މިއަހަރުގެ މިހާތަނަށް އިޒްރޭލުގެ ޔަހޫދީ ސިފައިން ދިން ހަމަލާތަކުގައި، ފަލަސްތީންގެ 16 ކުއްޖަކު ޝަހީދު ކޮށްލާފައިވާ ކަމަށް އެގައުމުގެ އިންސާނީ ހައްގުތަކާ ބެހޭ ޖަމިއްޔާއަކުން ބުނެފި އެވެ.

ޖަބަލިއާ ފަލަސްތީން ރެފިއުޖީ ކޭމްޕުގައި ގާއިމް ވެފައިވާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އަލް މެޒާން ސެންޓަރ އޮފް ހިއުމަން ރައިޓްސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ޣައްޒާ ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާ ކޮންމެ ހަފްތާއަކު ކުރަމުންދާ މުޒާހަރާތަކަށް އަމާޒުކޮށް އިޒްރޭލުންދޭ ހަމަލާތަކުގައި މިއަހަރު މިހާތަނަށް 1233 ކުއްޖަކު ޒަހަމް ކޮށްލާފައިވާ ކަމަށެވެ.

އަދި މިއަހަރުގެ މިހާތަނަށް ފަލަސްތީންގެ 16 އަށްވުރެ ގިނަ ކުދިން ޝަހީދު ކޮށްލާފައިވާއިރު ފަލަސްތީންގެ ސްކޫލް ތަކަށާއި ސިއްހީ ހިދުމަތްދޭ ތަންތަނަށް އަމާޒުކޮށް އިޒްރޭލުން 17 ހަމަލާއެއް ދީފައިވާ ކަަމަށް އެ ޖަމިއްޔާއިން ބުނެ އެވެ.

މިއަހަރުގެ މިހާތަނަށް 16 ކުޑަކުދިން ޝަހީދު ކޮށްލާފައިވާ ކަމަށް ފަލަސްތީންގެ އަމިއްލަ ޖަމިއްޔާއަކުން ބުނެފައިވާއިރު، ފަލަސްތީނިއަން ޕްރިޒަނާސް ސޮސައިޓީން ބުނާ ގޮތުގައި، އިޒްރޭލުގެ ޑިޓެންޝަން ސެންޓަރުތަކުގައި ކުށެއް ނެތް ފަލަސްތީނުގެ ގާތްގަނޑަކަށް 250 ކުޑަކުދިން ހައްޔަރުގައި އެބަ ތިއްބެވެ.

މިދިޔަ އަހަރުގެ މާޗް 30 ވަނަ ދުވަހުން ފެށިގެން ފަލަސްތީނުގެ ރައްޔިތުން ކޮންމެ ހަފްތާއަކު ކުރަމުންދާ ސިލްސިލާ މުޒާހަރާތައް ފެށިފަހުން އިސްރާއީލު ސިފައިން ވަނީ، އެމީހުންގެ ރައްކަލަކަށް ކަމަށް ބުނެ ފަލަސްތީންގެ ގާތްގަނޑަކަށް 300 އެއްހާ ފަލަސްތީން ރައްޔިތުން ޝަހީދު ކޮށްލައިފަ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©