މުޙައްމަދު އިބްރާހިމް
19 July 2019
މަޤްބޫލު ޙަބަރު

އިންޑިއާގެ އުތުރުގައި އޮންނަ ހަރްޔާނާ ސްޓޭޓްގެ ފެން ހިންދާ ކާނު ތެރެއަށް ވިހެއުމަށްފަހު އެއްލާލި، ކުއްޖަކު މަގުމަތީގައި އުޅޭ ކުއްތާތަކެއް ސަލާމަތްކުރާ ވީޑިއޯއެއް ދައުރުވާން ފަށައިފި އެވެ.

ހަރްޔާނާގެ ކައިތަލް ސިޓީގައި ހިނގި އެ ހާދިސާ ވަނީ އެ ސަރަހައްދުގައި ހުރި ސީސީޓީވީ ކެމެރާއަކަށް އަރައިފަ އެވެ. ނަމަވެސް މިއީ ކޮންއިރަކު ހިނގި ހާދިސާއެއް ކަމެއް ނޭނގެ އެވެ.

އިންޑިއާގެ ޓީވީ ޗެނަލް އެއް ކަމަށްވާ ނިއުސް 18 އިން އާންމުކުރި ދޮޅު މިނެޓްގެ އެ ވީޑިއޯގައި ފެންނަނީ އަންހެނަކު ކާނުގަނޑުގެ ތެރެއަށް ހުރި ބާރެއްލާ ކޮތަޅެއް އެއްލާލައި ތަނެވެ. ނަމަވެސް އިރުކޮޅެއް ފަހުން ކާނު ކައިރިއަށް ކުއްތާތަކެއް އައިސް އެ ކޮތަޅު ނަގައި ކޮތަޅު ހުޅުވަން އުޅޭތަން ފެނެ އެވެ.

އަދި އާންމުންގެ ތެރެއިން ބަޔަކު އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައީ، އެކަން ސަމާލުކަމަށް ގެންނަން އެ ކުއްޖާ ސަލާމަތްކުރި ކުއްތާތައް ހަޅޭއްލަވަން ފެށުމުން ގޮސް ބެލުމުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ކައިތަލްގެ ޑިސްޓުރިކްޓް ސިވިލް ހޮސްޕިޓަލުގެ ޑރ. ޑިނޭޝް ކަންސަލް ވިދާޅުވީ، 1130 ގުރާމްގެ ތުއްތު ކުއްޖަކު އެ ހޮސްޕިޓަލަށް ގެނައި ކަމަށާއި ގެނައިއިރު އެ ކުއްޖާގެ ހާލު ކްރިޓިކަލް ކަމަށެވެ. އަދި ކުއްޖާއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ޑރ. ވިދާޅުވި އެވެ.

އަދި ވިހެއި ގޮތަށް އޮތް އެ ތުއްތު ކުއްޖަކީ ކާނު ތެރެއިން ފެނުނު ކުއްޖާކަން ފުލުހުން ވެސް ވިދާޅުވެފައިވާ ކަމަށް ޑރ. ވިދާޅުވެފައިވެ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©