.
05 August 2019
މަޤްބޫލު ޙަބަރު

އިންޑިއާގައި މުސްލިމް ރައްޔިތުންގެ މެޖޯރިޓީއެއް އޮންނަ ހަމައެކަނި ސްޓޭޓްކަމަށްވާ ކަޝްމީރަށް ދީފައިވާ ޚާއްސަ ދަރަޖަ އުވާލައި ކަޝްމީރު ޔޫނިއަން ޓެރިޓަރީއަކަށް ބަދަލުކުރަން ނިންމާ އެ ސަރަހައްދަށް އިތުރަށް ސިފައިން ފޮނުވަން ފަށައިފިއެވެ.

އިންޑިއާގެ ހޯމް މިނިސްޓަރާއި ހަވާލާދީ އެގައުމުގެ ނޫސްތަކުގައި ބުނެފައިވަނީ އިންޑިއާގެ މައި ސަރުކާރުން މިހާރު ނިންމާފައިވަނީ ކަޝްމީރު ސަރަހައްދުގައި ދެ ޔޫނިއަން ޓެރިޓަރީއެއް އުފެއްދުމަށްކަމަށާއި، އެއީ ޖައްމޫ އެންޑް ކަޝްމީރަކީ އެއް ޓެރިޓަރީ، އަދި ލަޑާކްއަކީ ވަކި ޓެރިޓަރީއެއްގެ ގޮތުގައި ހެދުމަށެވެ.

އަދި މި ބަދަލާއެކުވެސް ކުރިން އޮންނަހެން ޖައްމޫ އެންޑް ކަޝްމީރުގައި ވަކި ގާނޫނު ހަދާ މަޖިލީހެއް އޮންނާނެއެވެ. ނަމަވެސް ލަޑާކްގައި އެފަދަ މަޖިލީހެއް މި ބަދަލުން ނޯންނާނެއެވެ.

އިންޑިއާގެ ހޯމް މިނިސްޓަރު އަމިތު ޝާހު ވިދާޅުވީ ކަޝްމީރަށް ހާއްސަ ދަރަޖައެއް ލިބިދޭ މާއްދާ 370 އުވާލަން އެގައުމުގެ ރައީސް ރާމްނާތު ކޯވިންދު އަމުރެއްގައި ސޮއި ކުރައްވާފައިވާކަމަށެވެ.

މާއްދާ 370ގެ ދަށުން ޖައްމޫ އެންޑް ކަޝްމީރަށް އަމިއްލަ ގާނޫނު އަސާސީއަކާއި ވަކި ދިދައަކާއި، ހާރިޖީ ގުޅުންތަކާއި ޑިފެންސްއާއި ކޮމިއުނިކޭޝަންސް ފިޔަވާ އެހެން ކަންތައްތައް ހިންގުމުގެ މިނިވަންކަން ދީފައިވެއެވެ.

ކަޝްމީރަށް ޚާއްސަކޮށްފައިވާ މި ޤަވައިދު އުވާލުމަށް އިންޑިޔާގެ މައި ސަރުކަރުން މަސައްކަތް ކުރަމުންދާއިރު  ކަޝްމީރުގެ ލީޑަރުން ވަނީ މި ޤަވައިދު އުވާނުލުމަށާއި، އުވާލައިފިނަމަ ލިބިދާނެ ގެއްލުންތަކާ ބެހޭގޮތުން ބަޔާނެއް ނެރެފައެވެ.

އިންޑިޔާގެ މައިސަރުކާރުން ކަޝްމީރަށް ޚާއްސަ ދަރަޖަ ދީފައިވާ މާއްދާ 370 އުވާލުމުގެ މަސައްކަތް ކުރަމުންދާއިރު އިންޑިޔާއިން ދަނީ ކަޝްމީރަށް އިތުރު ސިފައިން ހަތިޔާރާއި އެކު ފޮނުވަމުންނެވެ.

Leave a Reply

Your email address will not be published.

haftha.mv ©