މުޙައްމަދު އިބްރާހިމް
11 August 2019
މަޤްބޫލު ޙަބަރު

ގުދުސް (ކިއުއެންއެން) – މުސްލިމުންގެ ތިންވަނަ އަށް އެންމެ މުގައްދަސް ތަން، މަސްޖިދުލް އަގްސާއަށް މިއަހަރުގެ އަޟްހާ އީދު ނަމާދަށް ދިޔަ ފަލަސްތީން އެތައް ރައްޔިތުންނަކަށް އިޒްރޭލުގެ ޔަހޫދީ ސިފައިން ހަމަލާދީ، އެމީހުންގެ ލޭ އޮހޮރުވާލައިފިއެވެ.

ފަލަސްތީނިއަން ރެޑް ކްރެސެންޓާ ހަވާލާދީ ގުދުސް ނިއުސް ނެޓްވޯކް (ކިއުއެންއެން) އިން ބުނީ، ރަބަރު ކޯޓުލާފައި ހުރި ދަގަނޑު ވަޒަން ތަކުންނާއި ކަރުނަ ގޭހާއި ސްޓަން ގުރެނޭޑް ބޭނުން ކޮސްގެން އިޒްރޭލު ސިފައިން ދިން ހަމަލާތަކުގައި 14 މީހަކަށް އަނިޔާ ވެގެން ގުދުސްގެ ހޮސްޕިޓަލްތަކަށް ވަނީ ގެންގޮސްފައެވެ.

ނަމަވެސް ބައެއް ރިޕޯޓްތައް ބުނާގޮތުން އިޒްރޭލު ސިފައިންގެ ހަމަލާތަކުގައި މިހާތަނަށް 60 ފަލަސްތީން ރައްޔިތަކު ވަނީ ޒަހަމްވެފަ އެވެ.

އަދި ޒަހަމް ވެގެން ފަރުވާ ކުރުމަށް ގެންދިޔަ ގިނަ މީހުންގެ ކަށިތައް ބިދި އެކި ތަންތަން ކަނޑައިގެން ގޮސްފައިވާއިރު ކަރުނަ ގޭހާއި ސްޓަން ގުރެނޭޑް ބޭނުން ކުރުމުގެ ސަބަބުން ނޭވާ ހާސް ވެގެން ވެސް ބައެއް މީހުންނަށް ފަރުވާ ދެމުންދާ ކަމަށް އެ ނޫހުގައި ބުނެފައިވެއެވެ.

ފަލަސްތީން ރައްޔިތުންނަށް ހަމަލާދިނުމުގެ އިތުރުން، އަލް އަގްސާ މިސްކިތުގައި މިއަދުގެ އީދު ނަމާދު ކުރަމުން ދަނިކޮށް އިޒްރޭލު ސިފައިން ވަނީ އެ މިސްކިތުގެ މައި ނަމާދު ކޮޓަރީގެ ދޮރު ވެސް ބަންދު ކޮށްފައެވެ.

ރިޕޯޓްތައް ބުނާގޮތުން މިއަދުގެ އީދު ނަމާދަށް އެއް ލައްކައަށްވުރެ ގިނަ ފަލަސްތީން ރައްޔިތުން ވަނީ އަލް އަގްސާ މިސްކިތަށް ޖަމާވިއެވެ. އަދި އިޒްރޭލުގެ ޔަހޫދީން އަގްސާ މިސްކިތަށް ވެރިވެގަނެފާނެތީވެ، ނަމާދުކޮށް ނިމިގެން ވެސް އެތައް ބަޔަކު މިސްކިތް ތެރޭގައި ތިއްބެވެ.

Leave a Reply

Your email address will not be published.

haftha.mv ©