މުޙައްމަދު އިބްރާހިމް
11 August 2019
މަޤްބޫލު ޙަބަރު

ރިޔާދު – ޑްރަގުގެ ވަބާއިން އެއްކޮށް ސަލާމަތްވި 120 މީހަކަށް ސައުދީ ސަރުކާރުން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުސަތު ދީފިއެވެ.

ސައުދީގެ ނޭޝަނަލް ކޮމިޓީ އޮފް ނާކޮޓިކްސް ކޮންޓްރޯލުން އިއްޔެ ބުނީ، ކުރިން ޑުރަގް އެޑިކްޓުންގެ ގޮތުގައި ތިބި ނަމަވެސް އެކަމުން ފަރުވާ ހޯދައި އަދި ރިހެބިލިޓޭޝަން ފުރިހަމަކުރި 120 މީހަކަށް ހައްޖުވުމުގެ ފުރުސަތު ދިނުމަށް ދާހިލީ މިނިސްޓަރު ޕްރިންސް އަބްދުލްއަޒީޒް ބިން ސައުދު ހުއްދަ ދެއްވާފައިވާ ކަމަށެވެ.

ޕްރިންސް އަބްދުލްއަޒީޒް ބިން ސައުދަކީ ސުޕްރީމް ހައްޖު ކޮމިޓީގެ ޗެއާމަންގެ އިތުރުން ނާކޮޓިކްސް ކޮންޓްރޯލް ކޮމިޓީގެ އެންމެ އިސްވެރިޔާއެވެ.

ހައްޖު ކޮމެޓީގެ ޗެއާމަން ވިދާޅުވި ގޮތުގައި، މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވި މީހުންނަށް ހައްޖުވުމުގެ ފުރުސަތު ދީފައިވަނީ އެމީހުންގެ އުފާވެރި ކަމަށާއި ނަފްސަށް ހިތްހަމަޖެހުން ގެނެސްދިނުމަށް ކަމަށެވެ.

މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަމަށް ދުނިޔޭގެ އެކިކަންކޮޅުތަކުން 2.5 މިލިއަން މީހުން ވަނީ ސައުދީއަށް ޖަމާވެފައެވެ. އަދި މިއަދަކީ ހައްޖުގެ ތިން ވަނަ ދުވަހަށްވާއިރު، ހުރިހާ ހައްޖުވެރިން ވެސް މިހާރު ވަނީ އެނބުރި މިނާއަށް އައިސްފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©