މުޙައްމަދު އިބްރާހިމް
13 August 2019
މަޤްބޫލު ޙަބަރު

ޖިއްދާ: ކޮންމެ އަހަރެއްގެ ހައްޖުގެ މާތް އަޅުކަމުގެ ފޮޓޯތަކާއި ވީޑިއޯތައް ނެގުމަށް ސައުދީ އަރަބިއާގެ އިތުރުން ދުނިޔޭގެ އެކިކަންކޮޅުތަކުން އެތައް ސަތޭކަ ފޮޓޯގުރާފަރުންނެއް ހަރަކާތްތެރިވެއެވެ. އަދި އެ މީހުންގެ ފަރާތުން އެތަައް ހާސް ފޮޓޯތަކެއް ނަގައި ދުނިޔެއާ ހިއްސާ ކުރެއެވެ.

ނަމަވެސް އޭގެ ތެރެއިން ސޯޝަލް މީޑިއާއަށް އާންމުވެ މަގުބޫލު ވެގެންދަނީ މަދު ފޮޓޯތަކެކެވެ. ބައެއް ފޮޓޯތަކަކީ އެ އަހަރުގެ ހައްޖުގެ އެންމެ އަސަރުގަދަ ނުވަތަ އެންމެ ހިތްގައިމު ފޮޓޯއަށްވެ ނޫސްތަކުގެ ބޭރުގަނޑުން ވެސް ޖާގަ ހޯޑައެވެ.

ސައުދީގެ ފޮޓޯގުރާފަރު ސައުދް އަލް މުންސިހިޖް ވެސް މިއަހަރުގެ ހައްޖު މޫސުމުގައި ހަރަކާތްތެރިވީ އެފަދަ ހިތްގައިމު ފޮޓޯގަނޑެއް ނަގައި، ހައްޖު ފޮޓޯ މުބާރާތުގެ އެންމެ ރީތި ފޮޓޯއަށް ވާދަކުރުމަށެވެ.

އެގޮތުން އެތައް ހާސް ހައްޖުވެރިންގެ ތެރެއިން ކެމެރާ ހިންގަމުން ދަނިކޮށް، އޭނާގެ ކެމެރާގެ ލެންސަށް އެރީ އުމުރުން ދުވަސްވީ ހައްޖުވެރިއެއްގެ ގާތަށް ހިނގާފައިދިޔަ ފުލުސް އޮފިސަރެކެވެ. އެވަގުތަކީ ހޫނު ގަދަ ވަގުތަކަށްވެފައި އުމުރުން ދުވަސްވެފައި ހުރި ހައްޖުވެރިޔާގެ ކިބައިން ވަރުބަލިކަމާއެކު އޭނާގެ ފަޔަށް ތަދެއް އަރައިގެން އުޅުނުތަން ފެނުނެވެ.

“ފުލުސް މީހާ މުސްކުޅި މީހާ ކައިރިއަށް ގޮސް ވާހަކަދައްކަން ހުރި. އަދި މުސްކުޅި މީހާއަށް ހޫނުވެފައި ހުރުމުން، ފިނިކުރަން ވެގެން އޮފިސަރުގެ އަތުގައި އޮތް ފެންފުޅި އޭނާގެ ބޮލަށް އެޅި. އެއަށްފަހު އެ މުސްކުޅި މީހާ އުރާލައިގެން ގާތްގަނޑަކަށް ތިން ކިލޯ މީޓަރަށް އެ ފުލުސް މީހާ ދިޔަ،” ފުލުސް މީހާގެ އަމަލުތައް މުންސިހިޖް އަރަބް ނިއުސްއަށް ކިޔައިދެމުން ބުންޏެވެ.

“މުސްކުޅި މީހާ އުރައިގެން ހުރުމުން، ވަރުބަލި ވެގެން އެތައް ފަހަރަކު ފުލުސް އޮފިސަރު ހުއްޓާލައި ވަރުބަލި ފިލުވާވެސްލި. ނަމަވެސް އަރަފާތުގައި މުސްކުޅި މީހާ ދާން ބޭނުންވާ މަންޒިލަށް އެ ފުލުސް މީހާ އޭނާ ގެންގޮސްދިން،” މިދިޔަ އާދީއްތަ ދުވަހު ހިނގި އެ ހާދިސާ އިތުރަށް ކިޔައިދެމުން މުންސިހިޖް ބުންޏެވެ.

އޭނާ ބުނީ، ފުލުސް މީހާގެ ފަރާތުން ފެނިގެންދިޔަ އެ އޯގާތެރިކަން ފެށިގެން ނިމެންދެން ނެގުމަށް ގާތްގަނޑަކަށް 30 ވަރަކަށް މިނެޓް އޭނާ ހޭދަކުރި ކަމަށެވެ. އަދި އޭނާ އެކަން ކުރީ އެ ދެމީހުންނަށް ވެސް ނޭނގި ކަމަށް ބުނެފައިވެއެވެ.

މުންސިހިޖްގެ އެ ފޮޓޯގަނޑަކީ ހަމަގައިމު ވެސް މިއަހަރުގެ ހައްޖު މޫސުމުގައި ފެނުނު އެންމެ ހިތްގައިމު ފޮޓޯއެވެ. އަދި އެ ފޮޓޯގަނޑުގެ ހިތްގައިމު ކަމުން އަރަބް ނިއުސް އެޑިޓަރުން ވަނީ އެ ނޫހުގެ ހޯމަ ދުވަހުގެ އެޑިޝަންގެ ފުރަތަމަ ޕޭޖަށް އެ ފޮޓޯ ހިމަނައިފައެވެ.

“ފޮޓޯގަނޑަށް ލިބުނު ތަރުހީބުން ހައްޖުގައި އިތުރަށް އަހަރެން މަސައްކަތް ކުރަން ލޯބި ޖެހިއްޖެ. އަދި އަހަރެންގެ އުއްމީދަކީ ވީހާވެސް ގިނަ ހައްޖު މޫސުމެއްގައި ބައިވެރިވުން،” މުންސިހިޖް ބުންޏެވެ.

Leave a Reply

Your email address will not be published.

haftha.mv ©