Sun, 23 February, 2020, 3:50 pm
އަލް އަގްސާ މިސްކިތު ބޭރުގައި ބަޑިޖަހައި ފަލަސްތީންގެ ދެ ކުއްޖަކު ޝަހީދުކޮށްލައިފި

ގުދުސްގައި ހުންނަ އަލް އަގްސާ މިސްކިތުގެ ބޭރުގައި ފަލަސްތީން ދެ ކުއްޖެއްގެ ގަޔަށް އިޒްރޭލު ސިފައިން ބަޑި ޖަހައި ޝަހީދު ކޮށްލައިފިއެވެ.

އިއްޔެގެ މަޣްރިބް ނަމާދު ވަގުތާ ކައިރިވެފައި ވަނިކޮށް ސިފައިން ބަޑި ޖަހައި ޝަހީދުކޮށްލާފައިވަނީ ނަސީމް އަބޫ ރޫމީ އަދި ހަމޫދާ ހާދިތް އަލް ޝެއިހް ނަމަކަށް ކިޔާ 14 އަހަރުގެ ދެ ކުދިންނެވެ.

ސޯޝަލް މީޑިއާ އަދި އިޒްރޭލުގެ ޓީވީތަކުން އާންމުކޮށްފައިވާ ވީޑިއޯ ފުޓޭޖުން ދައްކާގޮތުގައި، އެ ދެކުދިން ގަޔަށް އިޒްރޭލު ސިފައިން ބަޑި ޖަހާފައިވަނީ އަލް އަގްސާ މިސްކިތުގެ ގޯތިތެރެއަށް ވަންނަން ހުންނަ ގޭޓު ކައިރީގައި ފޯރިމަރަން ހުރި ފުލުސް އޮފިސަރަކަށް ދެ ކުދިން ހަމަލާދޭން އުޅުމުންނެވެ.

ނަމަވެސް ހަމަލާގައި އިޒްރޭލު ސިފައިންގެ މީހާއަކަށް މާބޮޑެތި ޒަހަމްތަކެއް ނުލިބެއެވެ.

ފަލަސްތީނިއަން ރެޑް ކްރެސެންޓުން ބުނި ގޮތުގައި، އެ ހަމަލާގައި އަލް އަގްސާ މިސްކިތުގެ ގާޑެއްގެ ފަޔަށް ވެސް ވަޒަން އަމާޒުވެގެން އިރުމަތީ ގުދުސްގައި ހުންނަ ހޮސްޕިޓަލަކަށް ވަނީ ގެންގޮސްފައެވެ.

މި ހަމަލާއާ ގުޅިގެން އިޒްރޭލު ސިފައިން ވަނީ އަލް އަގްސާ މިސްކިތުގައި އޭރު ތިބި އެންމެން މިސްކިތުން ނެރެ، އެތަނަށް ވަނުން މަނާކޮށް، ވަންނަން ހުރި ހުރިހާ ދޮރެއް ބަންދުކޮށްފައެވެ. އަދި އެކަމުގެ ސަބަބުން އިއްޔެގެ މަޣްރިބު ނަމާދު ފަލަސްތީންގެ ރައްޔިތުން ކުރަންޖެހުނީ ބަންދުކޮށްފައިވާ ގޭޓުތައް ކުރިމަތީގައެވެ.

އިޒްރޭލުގެ ސިފައިން އޮފިސަރަކަށް ހަމަލާދޭން އުޅުނު ކަމަށް ބުނެ ފަލަސްތީން ދެ ކުއްޖެއްގެ ގަޔަށް ބަޑި ޖަހައި ޝަހީދު ކޮށްލާފައި މިވަނީ، މިއަހަރުގެ އަޟްހާ އީދު ނަމާދަށްފަހު އަލް އަގްސާ މިސްކިތުގައި ފަލަސްތީން ރައްޔިތުންނާއި އިޒްރޭލުގެ ޔަހޫދީންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގާފައިވަނިކޮށެވެ.

Leave a comment

Your email address will not be published.