މުޙައްމަދު އިބްރާހިމް
17 August 2019
މަޤްބޫލު ޙަބަރު

ޣައްޒާ ސިޓީ، ފަލަސްތީން: ޔަހޫދީ އިޒްރޭލުގެ ހަނގުރާމަމަތީ މަތިންދާބޯޓްތަކުން ޣައްޒާއަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފިއެވެ. ރޭ ފަތިހު ދިން އެ ވައިގެ ހަމަލާތަކުގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ޣައްޒާގެ އުތުރަށާއި މެދުތެރެއަށް އިޒްރޭލުން ހަމަލާތަކެއް ދިނީ، އެގައުމުގެ އަސްކަރިއްޔާއިން ބުނާގޮތުގައި، އައްޒާއިން މިދިޔަ ހުކުރު ދުވަހު ފޮނުވާލި މިސައިލް ހަމަލާއެއްގެ ރައްދުގައެވެ.

އެގޮތުން އިއްޔެ ދިން ހަމަލާތައް އަމާޒުކޮށްފައިވަނީ ފަލަސްތީންގެ ހަނގުރާމަވެރި ޖަމާއަތް ހަމާސްގެ ބިންތަކަކަށް ކަމަށް އިޒްރޭލުން ބުނެއެވެ.

“އިޒްރޭލުގެ ރައްޔިތުންނަށް ގެއްލުންދޭން މަސައްކަތްކުރާ ކޮންމެ ކަމަކަށް އިޒްރޭލުގެ ޑިފެންސް ފޯސް އިން ރައްދު ދޭނަން. އަދި ޣައްޒާގެ އެތެރެއިންނާއި ބޭރުން ދޭ ހުރިހާ ހަމަލާއެއްގެ ޒިންމާ ޓެރަރިސްޓް ޖަމާއަތް ހަމާސް އިން އުފުލަންޖެހޭނެ،” އިޒްރޭލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އިޒްރޭލުން ޣައްޒާއަށް ވައިގެ ހަމަލާތަކެއް ދީފައިވާއިރު، 12 އަހަރު ވަންދެން އިސްރާއީލުން ޣައްޒާ ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެންނަން ގޮވާލައި ފަލަސްތީންގެ ރައްޔިތުން ކުރަމުންދާ ސިލްސިލާ މުޒާހަރާތަކުގައި އިއްޔެ ވެސް އެތައް ބަޔަކު ވަނީ ޣައްޒާ އާއި އިޒްރޭލު ގުޅޭ ބޯޑަރު ކައިރިއަށް އެއްވެ އަޑު އުފުލައިފައެވެ.

އަދި މިދިޔަ އަހަރުގެ މާޗް މަހުގެ 30 ވަނަ ދުވަހުން ފެށިގެން ކޮންމެ ކޮންމެ ހުކުރު ދުވަހު ކުރަމުންދާ އެ މުޒާހަރާތަކުގައި މިހާތަނަށް 300 އަށްވުރެ ގިނަ ފަލަސްތީން ރައްޔިތުން ވަނީ ޝަހީދުކޮށްލައިފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©