މުޙައްމަދު އިބްރާހިމް
06 September 2019
މަޤްބޫލު ޙަބަރު

ޒިމްބާބުވޭގެ ދިގު ޒަމާންތަކެއް ވަންދެން ވެރިކަން ކުރެއްވި ކުރީގެ ރައީސް ރޮބަޓް މުގާބޭ، އުމުރުފުޅުން 95 އަހަރުގައި އަވަހާރަވެއްޖެއެވެ.

ތިރީސް ހަތް އަހަރު ވަންދެން ޒިމްބާބުވޭގައި ގޮށްމުށުގެ ބާރުން ވެރިކަން ކުރައްވަން ގެންދަވަނިކޮށް އެގައުމުގެ އަސްކަރީން ނުކުމެ ވެރިކަމުން ދުރުކުރި، މުގާބޭ އަވަހާރަވީ ސިންގަޕޫރުގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް ކަމަށް އޭނާގެ އާއިލާއިން ބުނެއެވެ.

ނަވާރަސަތޭކަ އަށްޑިހަ ވަނަ އަހަރު ޒިމްބާބުވޭއަށް މިނިވަންކަން ލިބުނީއްސުރެ އެގައުމުގެ ރައީސްކަން ކުރައްވަމުން ގެންދެވި މުގާބޭ އުފަންވެވަޑައިގެންނެވީ 21، ފެބުރުއަރީ 1924 ވަނަ އަހަރު ކުޓަމާ ކެތޮލިކް މިޝަންގައެވެ.

އަދި މުގާބޭއަކީ ޒިމްބާބުވޭގައި މިހާތަނަށް ވެރިކަން ކުރެއްވި އެންމެ ތައުލީމީ ބޭފުޅާއެވެ. އެގޮތުން ސުކޫލު ދައުރުގައި ވެސް ކްލާހުން އެންމެ މޮޅު ދަރިވަރަކީ މުގާބޭއެވެ. ޔުނިވަސިޓީ އޮފް ލަންޑަން، ޔުނިވަސިޓީ އޮފް ސައުތު އެފްރިކާ އަދި ފޯޓް ހަރެ ޔުނިވަސިޓީން ޖުމްލަ ހަތް އެކަޑަމިކް ޑިގްރީއެއް މުގާބޭ ހާސިލް ކުރެއްވިއެވެ.

ނަމަވެސް އޭނާގެ ވެރިކަން ފެނިގެންގޮސްފައިވަނީ، އިދިކޮޅު ޚިޔާލުގެ މީހުންނާމެދު ހަރުކަށި ސިޔާސަތުތަކެއް ގެންގުޅުނު، ވޯޓްގައި މަކަރާއި ހީލަތްހެދި، ކޮރަޕްޝަން އާންމުވެފައިވާ ވެރިކަމެއްގެ ގޮތުގައެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން އެގައުމުގެ އަސްކަރިއްޔާއިން ބަޣާވާތެއްކޮށް، މުގާބޭ އާއި އޭނާގެ އަނބިކަނބަލުން ގޭ ބަންދުގައި ބައިތިއްބައިގެން ތިބޭތާ ހަފްތާއެއް ފަހުން، 21 ނޮވެމްބަރު 2017 މުގާބޭ އިސްތިއުފާ ދެއްވިއެވެ.

މުގާބޭ ވެރިކަމުން ދުރުކުރުމުން، ޒިމްބާބުވޭގެ ވެރިކަމަށް ވަޑައިގެންނެވީ، ކުރިން ނާއިބް ރައީސަކަށް ހުންނެވި އިމަރސަން އެމްނަންގަގްވާއެވެ. އަދި އޭގެފަހުން، މިދިޔަ އަހަރުގެ ޖުލައިމަހު ޒިމްބާބުވޭގައި ބޭއްވި މައްސަލަބޮޑު ރިޔާސީ އިންތިޚާބަށްފަހު އެމްނަންގަގްވާ ވަނީ އިންތިޚާބު ކާމިޔާބު ކުރައްވައި ވެރިކަމަށް ވަޑައިގެންފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©