މުޙައްމަދު އިބްރާހިމް
07 September 2019
މަޤްބޫލު ޙަބަރު

އިޒްރޭލާއި ޣައްޒާ ގުޅޭ ބޯޑަރު ކައިރީގައި އިއްޔެ ބޭއްވި މުޒާހަރާގެ ތެރެއަށް އިޒްރޭލު ސިފައިން ބަޑިޖަހައި ފަލަސްތީންގެ ދެ ކުއްޖަކު ޝަހީދު ކޮށްލައިފިއެވެ.

ޣައްޒާގެ ސިއްހީ އިދާރާތަކުން ބުނާ ގޮތުގައި، އިއްޔެގެ މުޒާހަރާތަގައި ޝަހީދު ކޮށްލާފައިވަނީ އަލީ ސާމީ އަލް އަޝްގާރު ނަމަކަށް ކިޔާ 17 އަހަރުގެ ކުއްޖަކާއި ޚާލިދު މުހައްމަދު ރިބިއީ ނަމަކަށް ކިޔާ 14 އަހަރުގެ ކުޑަ ކުއްޖެކެވެ.

އެ ދެ ކުދިން ވެސް ޝަހީދު ކޮށްލާފައިވަނީ މެޔަށް އަމާޒުކޮށް ދިން ސްނައިޕަރު ބަޑީގެ ހަމަލާއެއްގައި ކަމަށް ވެސް ޣައްޒާގެ ސިއްހީ އިދާރާތަކުން ބުނެއެވެ.

ޣައްޒާގައި ހުންނަ ފަލަސްތީންގެ ހެލްތު މިނިސްޓްރީގެ ތަރުޖަމާން އަޝްރަފް އަލް ގިދްރާ ވިދާޅުވި ގޮތުގައި، އިއްޔެގެ މުޒާހަރާގެ ތެރެއަށް އިޒްރޭލުން ބަޑި ޖެހުމުގެ ސަބަބުން 76 މީހަކު ވަނީ ޒަހަމް ވެފައެވެ. އޭގެ ތެރެއިން 46 މީހުންނަކީ ސީދާ އަމާޒުކޮށް ދިން ހަމަލާތަކުގައި ޒަހަމްވި މީހުންނެވެ.

“ޒަހަމްވެގެން ގެނައި ގިނަ މީހުންގެ ޒަހަމްތައް ހުރީ ހަށިގަނޑުގެ މަތީގައި. އެއީ މަރާލުމުގެ މަގްސަދުގައި،” ތަރުޖަމާން ވިދާޅުވިއެވެ.

މުޒާހަރާގައި ބައިވެރިވި މީހުން ބުނާގޮތުގައި، އިއްޔެގެ މުޒާހަރާގައި 5000 އަށްވުރެ ގިނަ ފަލަސްތީން ރައްޔިތުން ވަނީ ބައިވެރިވެފައެވެ. ނަމަވެސް އިޒްރޭލު އަސްކަރިއްޔާއިން ބުނީ، އެގައުމުގެ ބޯޑަރު ކައިރިއަށް 6200 މީހުން އެއްވި ކަމަށެވެ.

އަމިއްލަ ވަޒަނުން ބޭރުކުރި ފަަލަސްތީންގެ އެތައް ހާސް ރައްޔިތުންނެއް އެމީހުންގެ އުފަން ފަސްގަނޑަށް ގެނައުމަށާއި ޣައްޒާ ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާ ކޮންމެ ހަފްތާއަކު ކުރަމުންދާ މުޒާހަރާތައް ފެށީ މިދިޔަ އަހަރުގެ މާޗް މަހުގެ 30 ވަނަ ދުވަހުއެވެ.

އޭގެ ފަހުން ހަފްތާގެ ކޮންމެ ހުކުރު ދުވަހު އިޒްރޭލާއި ޣައްޒާ ގުޅޭ ބޯޑަރު ކައިރީގައި ފަލަސްތީން ރައްޔިތުން ސުލްހަވެރި މުޒާހަރާތައް ކުރަމުންދާއިރު އަމިއްލަ ރައްކަލަކަށް ކަމަށް ބުނެ އިޒްރޭލުގެ ސިފައިންނާއި ސްނައިޕަރުން ވަނީ މުޒާހަރާގެ ބައިވެރިންގެ ގަޔަށް ބަޑި ޖަހައި އެތައް ބަޔަކު ޝަހީދު ކޮށްލައިފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©